ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު ހަރުދަނާ ވާންޖެހޭ: އިމްރާން
ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު މިހާރަށްވުރެ ހަރުދަނާ ވާންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން އަލީ ވަހީދަށް އަމާޒުވުމުން އެންމެފަހުން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.
ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ފުރިހަމަ މަންފާ ރާއްޖެ އަށް ލިބުމަށްޓަކާ އެންމެ މުހިއްމު ކަމަކީ ސިނާއަތުގެ އާމްދަނީ ރައްޔިތުންނަށް ބެހިގެންދިޔުން ކަމަށެވެ. އެކަމަށްޓަކާ އެންމެ ފުރަތަމަ ބަދަލުވާންޖެހޭ ކަމަކީ ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު ޖުމްލަކޮށް މިހާރަށް ވުރެ ހަރުދަނާވުން ކަމަށް އިމްރާން ވިދާޅުވިއެވެ.
"[ޓޫރިޒަމް] މިނިސްޓަރު އަލީ ވަހީދު އެކަމަށްޓަކާ ކުރައްވާ މަސައްކަތް ވަރަށް ގާތުން ދެކެން. އަދި ސިޔާސީ މައިދާނުގައި އެމަނިކުފާނާއެކު ކުރެވުނު ތަޖުރިބާގެ އަލީގައި އާންމު ރައްޔިތުންގެ ޖުމްލަ މަސްލަހަތު އެމަނިކުފާނު ނަގަހައްޓަވާނެ އެނގޭ." އިމްރާން ވިދާޅުވިއެވެ.
އިމްރާންގެ އިތުރުން އަލީ ވަހީދުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ ތެދުވެ ވަޑައިގެންފައެވެ. ނަޝީދު ވިދާޅުވީ އަލީ ވަހީދަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަމަށާއި އެހެންކަމުން އޭނާއަށް އެމްޑީޕީގެ ސިޔާސަތު ސާފުވާނެ ކަމަށެވެ. އަދި މިވީ އެއް އަހަރުތެރޭ ޓޫރިޒަމް މިނިސްޓްރީ ހެޔޮ ބަދަލުތައް އަންނަން ފަށާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.