ބޯކޮށް ވާރޭ ވެހި ކުޅުދުއްފުށީގެ މަގުތަކުގައި ފެން ބޮޑުވެއްޖެ
މިއަދު މެންދުރުން ފެށިގެން ބޯކޮށް ވާރޭ ވެހި، ކުޅުދުއްފުށި ސިޓީގެ މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ހިނގާ ބިނގާވެ ނޫޅެވޭ ވަރަށް ކުޅުދުއްފުށީގެ މަގުތަކުގައި ފެން ބޮޑުވެފައިވާއިރު، އާއްމު ހިދުމަތްތަކަށް ވެސް ވަނީ ބުރޫ އަރައިފައެވެ.
ކުޅުދުއްފުށީގެ މަގުތަކުގައި ފެން ބޮޑުވެ، ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުޅުދުއްފުށި ސިޓީ ކައުންސިލާއި ރެޑް ކްރެސެންޓު، ފުލުހުން އަދި ކެޑޭޓްކޯ ގުޅިގެން އަންނަނީ ކުރަމުންނެވެ.
މިއަދު ހެނދުނުން ފެށިގެން އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހެމުންދާއިރު މެޓު އޮފީހުން މިހާރު ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.
ހއ. އަތޮޅުން ފ. އަތޮޅާއި ހަމައަށް ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައި ވަނީ، މިރޭ 19:30އާ ހަމައަށް ބޯކޮށް ވާރާވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ޖެހޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑު ގަދަވެފައިވާ އިރު، ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމް.އެން.ޑީ.އެފުން ވެސް އިލްތިމާސްކުރެއެވެ.