މާލޭގައި 44 ގޭންގެއް ހަރަކާތްތެރިވޭ، އަތޮޅުތެރެއަށް ފެތުރިދާނެކަމުގެ ބިރު އެބައޮތް!
މާލޭގައި ޖުމްލަ 44 ގޭންގެއް އެބައޮތް ކަމަށާއި އޭގެ ތެރެއިން ވަރަށް ހަރަކާތްތެރި ނުވަ ގޭންގެއް އެބަ އޮތްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
'ވިއަވަތި ރާއްޖެ' ނަމުގައި މިހާރު އުކުޅަހުގައި ކުރިއަށްދާ ކޮންފަރެންސްގައި ފުލުހުން ވަނީ ގޭންގު ހަރަކާތްތަކާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ހުށައަޅައިފައެވެ. އެގޮތުން 1990ގެ އަހަރުތަކުން ފެށިގެން ގޭންގުތަކުގައި 2600އަށް ވުރެ ގިނަ މީހުން އުޅެމުންދާކަމަށް ފުލުހުންނަށް މިހައިތަނަށް ހޯދިފައިވާ ކަމަށާއި މީގެ ތެރެއިން 10 ގޭންގެއް ކުށްތަކަށް އަރައިގަތުމުގައި ވަރަށް ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިގޮތުން މި 10 ގޭންގުގެ ތެރޭގައި 1300އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އޭގެ ތެރޭގައި 60 ކުޑަކުދިން ވެސް ހިމެނޭކަމަށް ފުލުހުންގެ ޕްރެޒެންޓޭޝަނުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ގޭންގުތަކުގެ ހަރަކާތްތައް މިވަގުތު އޮތީ މާލެއާއި ދެކުނުގެ އަތޮޅުތަކުގައި ކަމަށާއި މެދު ރާއްޖެތެރެއާ އުތުރުގެ ރަށްތަކުގައި ގޭންގުތައް ހަރަކާތްތެރި ނުވާކަމަށެވެ. އެހެން ނަމަވެސް މި ހިސާބުތަކުގައި ވެސް އެކި ކުށްތަކަށް އަރައިގަންނަ ގުރޫޕުތައް ހެދިފައިވާ ކަމަށާއި މުސްތަޤުބަލުގައި އެ ޤުރޫޕުތައް ގޭންގުތަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ ގޭންގުތަކުގެ ޢަމަލުތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ވެސް އަލިއަޅުވައިލައިފައެވެ. އެގޮތުން އެންމެ ކުރިން ގޭންގުތަކުން އަތާއި ފައިން ހަމަނުޖެހުން ހިންގިއިރު, ލަކުޑިބުރިއާއި ކަނޑި ފަދަ ތަކެތި ހިފައިގެން ނުކުތް ކަމަށާއި މިހާރު ގޭންގު މާރާމާރީތައް ހިންގަނީ ގައިގައި ފޮރުވޭ ފަދަ ތޫނު ވަޅި ފަދަ ތަކެތި ބޭނުންކޮށްގެންކަން ފާހަގަކުރިއެވެ.
ހަމައެއާ އެކު، ގޭންގުތަކުގެ މެދުގައި ޖެހޭ މައްސަލަތަކުގައި މީހުން މެރުން މިވަގުތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ގޭންގުތަކުގެ މެދުގައި ޖެހޭ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ގޭންގުތަކުގެ އިސް މީހުން މަސަައްކަތް ކުރާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، މިއީ ގޭންގުތަކުން ކުރަމުންދާ ވިޔަފާރިތަކަށް ފުލުހުންގެ ފަރާތުން އައިސްދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ކުރާ ކަމެއް ކަމަށެވެ.
ގޭންގު ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ބޮޑު އޮޕަރޭޝަނެއް ފަށައިފައިވާ އިރު، ގޭންގުތަކުން އާއްމުކޮށް ތިބޭ ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިން ތިބެން ފެށުމުން ގޭންގުތަކުގެ ހަރަކާތްތައް މަދު ކުރެވިފައިވާކަން ވެސް ފުލުހުން ވަނީ ފާހަގަކުރައްވައިފައެވެ.