މުނިފޫހިފިލުވުން

"މިސްޓަރ އިންޑިއާ" ގެ ރީމޭކްގެ ވާހަކަ އަނިލް ކަޕޫރު ކައިރީ ނުބުނެގެން ސޯނަމް ރަތަށް!

ދެން އެމްވީ ، ދެން އޮންލައިން

1987 ވަނަ އަހަރު އުފެއްދި ކާމިޔާބު އެއް ފިލްމު ކަމަށްވާ "މިސްޓަރ އިންޑިއާ" ގެ ރީމޭކެއް އުފައްދާ ވާހަކަ، އެފިލްމުގައި ލީޑް ރޯލު ކުޅެފައިވާ އަނިލް ކަޕޫރު ކައިރީ ކުރިން ނުބުނުމުން، އަނިލްގެ ދަރިފުޅު އަދި ބޮލީވުޑްގައި މިހާރު އެންމެ ކުރި ސަފުގައި ފިޔަޖަހަމުން އަންނަ އެއް ބަޠަލާ ސޯނަމް ކަޕޫރު އަހޫޖާ ރުޅި އައިސްފިއެވެ.

Ads by Sosun Fihaara

އިންސްޓަގްރާމްގައި ސޯނަމް ލިޔެފައިވާ ދިގު ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ބައްޕައަށް "މިސްޓަރ އިންޑިއާ" ގެ ރީމޭކެއް ހަދަން އުޅޭކަން އެނގުނީވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށާއި މީގެއިތުރުން އެފިލްމު އުފެއްދި ޝޭކަރް ކަޕޫރަށް ވެސް ފިލްމުގެ ރީމޭކެއް ހަދަން އުޅޭކަން އެންމެ ފުރަތަމަ އެނގިފައިނުވާ ކަމަށެވެ.

"މިސްޓަރ އިންޑިއާ އަކީ އަހަރެންގެ ބައްޕައަށް ވަރަށް މުހިންމު ފިލްމެއް އަދި ބައްޕަ ވަރަށް ބުރަ މަސައްކަތް ކުރި ފިލްމެއް. އެކަމަކު އަލީ ޒަފަރު އައްބާސް އެފިލްމުގެ ރީމޭކެއް ހަދަން އުޅޭކަން ފިލްމު އެންމެ ފުރަތަމަ އުފެއްދި ޝޭކަރް އަންކަލްއާއި އަހަރެންގެ ބައްޕަ ކައިރީގަ ވެސް ނުބުނޭ. އެދެމީހުންނަށް ވެސް އެކަން އެނގުނީ ސޯޝަލް މީޑިއާއިން. އެކަމަކު އެދެމީހުންނަކީ އެފިލްމު ކާމިޔާބު ފިލްމަކަށް ހެދުމަށް އެންމެ އިސް ރޯލެއް އަދާކުރި ދެމީހުން" ސޯނަމްގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ސޯނަމް ބުނެފައިވަނީ ބަޔަކު ކޮށްފަ ހުންނަ ބުރަ މަސައްކަތެއްގެ އަގު ވަޒަން ކުރަންޖެހޭނެ ކަމަށާއި އެހެންކަމުން އަލުން ފިލްމެއް ހަދާއިރު އޭގެ މަޝްވަރާ އެންމެ ފުރަތަމަ، އޭގެ އޮރިޖިނަލް ފިލްމުގެ އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންނާއި ހިއްސާ ކުރުމަކީ ރީތިގޮތެއް ކަމަށެވެ.

ސޯނަމްގެ ރުޅި މިފަދައިން ބާލުވާފައިވާއިރު، "މިސްޓަރ އިންޑިއާ" ގެ ރީމޭކެއް ޒީސްޓޫޑިއޯސް އާއެކު ގުޅިގެން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފިލްމު ޕްރޮޑިއުސަރ އަލީ އައްބާސް ޒަފަރުވަނީ ބުނެފައެވެ. އަދި އެފިލްމު ކާސްޓަށް އަދި އެއްވެސް މީހަކު ނުނަގާ ކަމަށާއި ފިލްމުގެ ސްކްރިޕްޓުގެ ފުރަތަމަ ޑްރާފްޓް ނިމުމުން ކާސްޓުން ނަގަން ފަށާނެ ކަމަށް ވެސް ޒަފަރު ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!