ޚަބަރު

އަލީ ވަހީދުގެ ދިފާއުގައި ގާސިމް: ސާވިސް ޗާޖު ކަނޑައަޅާނީ މިނިސްޓަރެއް ނޫން

ދެން އެމްވީ ، ދެން އޮންލައިން

ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު ކަނޑައަޅާނީ މިނިސްޓަރެއް ނޫން ކަމަށް ބުނެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ގާސިމް އިބްރާހިމް ނިކުމެވަޑައިގެންފިއެވެ.

Ads by STELCO

އަލީ ވަހީދަށް ފާޑުކިޔުން އަމާޒުވީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް އޭނާ ވިދާޅުވުމާ ގުޅިގެންނެވެ. އެއާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން އަލީ ވަހީދަށް އަމާޒުވުމުން އެންމެފަހުން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

އަލީ ވަހީދުގެ ދިފާއުގައި ގާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލީ ވަހީދަކީ ގާބިލް، ހިންގުންތެރި ވަޒީރެއް ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީ އަށް ވިޔަސް މުވައްޒަފުންނާއި ބެހޭ ކަމެއް ވިޔަސް އެ ކަމެއް ކުރައްވާނީ ގާނޫނީ ގޮތުން ކުރެވެން އޮތް ގޮތައް ކަން ޔަގީންވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މުސާރަ އާއި ސާވިސް ޗާޖު ކަނޑައަޅާނޯ މިނިސްޓަރެއް ނޫން." ގާސިމްގެ ޓްވީޓްގައި ބުނެފައިވެއެވެ.

ގާސިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ އަލީ ވަހީދު ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

އަލީ ވަހީދުގެ ދިފާއުގައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވީ އެއް އަހަރުތެރޭ ޓޫރިޒަމް މިނިސްޓްރީ ހެޔޮ ބަދަލުތައް އަންނަން ފަށާފައިވާ ކަމަށާއި މިނިމަމް ވޭޖް އާއި ސާވިސް ޗާޖުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ. އަދި މިނިސްޓަރު އަލީ ވަހީދަށް އިތުބާރު ކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ ދިފާއުގައި އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި އަލީ ވަހީދާއެކު ކުރެވުނު ތަޖުރިބާގެ އަލީގައި އާންމު ރައްޔިތުންގެ ޖުމްލަ މަސްލަހަތު ނަގަހައްޓަވާނެ އެނގޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!