ރިޕޯޓް

އެމްޑީޕީއަށް ދުވަހަކުވެސް ނުލިބޭހާ ފިނި ތަރުހީބެއް! ކީއްވެބާ؟

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވިސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އަބަދުވެސް ރައްޔިތުންނަށް ހިޔާލީ ފޮލާ ދެއްކުމުގައި ވަރަށް އަރާހުރި ޕާޓީއެކެވެ. ޕާޓީގެ ލީޑަރުންގެ ފޮނި ބަސްތަކުން ރައްޔިތުންގެ ހިތްތައް ފަތަހަ ކުރަމުން އައި ޕާޓީއެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ކެނޑިޑޭޓެއް ނެރެ، ކެމްޕޭން ކުރަން ފެށީ ރައްޔިތުންނަށް އެތައް ރީތި ކުލަތަކަކުން ފުރިފައިވާ ހުވަފެނެއް ދައްކަމުންނެވެ. ރައްޔިތުން އެމްޑީޕީއިން އޭރު ދެއްކެ އަވާމެންދުރުގައި ޖެހި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުން ހޮވީ އެ ޕާޓީގެ ކެނޑިޑޭޓެކެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

Ads by STELCO

ރައްޔިތުންނަށް އެތަކެއް ހުވަފެންތަކެއް ދެއްކުމަށް ފަހު، އެމްޑީޕީ އިން ދެން އަމާޒު ހިފީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށެވެ. އެކަން ހާސިލު ކުރީ ރައްޔިތުން "އެޖެންޑާ 19" ގެ އަވައިގައި ޖައްސަމުންނެވެ. އެމްޑީޕީ އިން އޭރު ހަރުބަހުން ބުނަމުން ދިޔައީ ރައްޔިތުންނަށް އެވެރިން ދެއްކި ހުވަފެންތަކުގައި ކުލަ ޖެއްސޭނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން ކަމަށެވެ. ރައްޔިތުން އުންމީދުން ފުރިވެގެންވާ ރާގަކުން އެކަމަށް އާބަސް ކިޔައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ހޯދައި ދިނެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ދިވެހިން ބޭނުންވީ އިންސާފާއި ހަމަހަމަކަމެވެ. ކޮރަޕްޝަނާއި ދުރުން ގައުމު ތަރައްގީ ކުރާށެވެ.

އެމްޑީޕީގެ މިހާރުގެ އަމާޒަކީ ލޯކަލް ކައުންސިލް އިންތިހާބުގައި މެޖޯރިޓީ ހާސިލުކުރުމެވެ. މިހާރު އެވެރިން ގޮވަމުން ދަނީ ރައްޔިތުން ބޭނުންވާ ތަރައްގީ އެންމެ ބާރު މިނުގައި ކުރިއަށްގެންދެވޭނީ ލޯކަލް ކައުންސިލްތަކުގެ މެޖޯރިޓީވެސް ލިބިގެން ކަމަށެވެ. އެކަން ހާސިލުކުރަން، ރައްޔިތުން ލޮލުގައި އަނދުން އެޅެވުމަށް ބޭނުންކުރަން ނިންމި ހަތިޔާރަކީ "ރަށްވެހި ފަތިސް" އެވެ. އެހެން ނަމަވެސް މިފަހަރު އެމްޑީޕީއަކަށް ކުރީ ފަހަރުތައް ފަދައިން ރައްޔިތުން ގުނބޯ ނުހެއްދުނެވެ. "ރަށްވެހި ފަތިސް" އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާއަށް ރައްޔިތުންގެ ފަރާތުން ލިބުނީ ފިނި ތަރުހީބެކެވެ. ގިނަ ރައްޔިތުންނަށް އެމްޑީޕީއިން ދައްކަމުން ދިޔަ ހުވަފެނުން ހޭލެވި ހޭވެރިކަން ވީ ކަންނޭނގެއެވެ.

އެމްޑީޕީއަށް ރައްޔިތުންގެ ފިނި ތަރުހީބެއް ނުލިބެންވީ ސަބަބެއްވެސް ނެތެވެ. އެމްޑީޕީ ވެރިކަމަށް އައީ މާތްވެގެންވާ އިސްލާމް ދީން ރައްކާތެރި ކުރާނެ ކަމަށްބުނެ އެތައް ވައުދުތަކެއް ވުމަށްފަހުއެވެ. އެހެން ނަމަވެސް މިހާރު ފެންނަމުން މިދަނީ މުޅިން އެހެން މަންޒަރެކެވެ. އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބޮޑު ރިޕޯޓެއް ނެރުނު، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ވެރިން މިއަދު ތިބީ މިނިވަން ކަންމަތީއެވެ. އެ ޖަމިއްޔާގެ ބައެއް އިސްބޭފުޅުން މިވަގުތުވެސް ސަރުކާރުގެ އިސް މަގާމުތަކުގައި އެބަ ތިއްބެވެ. ރައްޔިތުން ގޮވަމުން ދިޔައީ އެ މީހުން ހައްޔަރުކުރުމަށެވެ. ނަމަވެސް އަދާއި ޖެހެންދެންވެސް އެކަމެއް ސަރުކާރަކަށް ނުވިއެވެ. މީގެ ހަފްތާއެއް ކުރިން، އިލްމުވެރިޔާ ޑރ ބިލާލް ފިލިޕްސް ތަގުދީރު ދިނުމަށް ރާއްޖެ ގެންނަން އުޅުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ބައެއް މެމްބަރުން ފާޅުގައި ދެކޮޅު ހެދުން ވެގެން ގޮސްފައިވަނީ ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވި ކަމަކަށެވެ.

ދިވެހިން އަބަދުވެސް ބޭނުންވާނީ ތަރައްގީއެވެ. އެހެންނަމަވެސް މޮޅު ވާހަކަތަކެއް ދެއްކުމަށް ފަހު، ވެރިކަން ލިބުމުން އެމްޑީޕީއަށް ކުރެވުނު ކަމެއް ހަރާމެވެ. ފަށާފައި ހުރި ތަރައްގީގެ ބިޔަ މަޝްރޫއުތައް ވަރަށް މަދެވެ. ފެށުނު މަޝްރޫއުތައް ވެސް ކުރިއަށް ދަނީ އޭހާ މަޑު ދުވެއްޔެއްގައެވެ. ކުރީގެ ސަރުކާރުތަކާއި އަޅާ ކިޔާއިރު، ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދަނީ ވަރަށް މަދުންނެވެ. އަބަދުވެސް މަސައްކަތް ކުރަނީ ކުރީ ސަރުކާރު ބޮލަށް ހުރިހާ ކަމެއް ޖަހާށެވެ.

އެމްޑީޕީއަށް ރަނގަޅަށް ސަރުކާރު ހިންގޭނީ ކިހިނެއްތޯއެވެ؟ ކިތަންމެ އެއްބަސްނުވިއަސް، ޕާޓީ ތެރޭގައި އޮތީ މުޅިން ކޯޅުމެވެ. ވެރިކަން ކުރަނީ އެންމެ ރައީސެއް ނޫނެވެ. ދެ ރައީސުންނެވެ. އެވަރުންވެސް ތަރައްގީއަށް މާކްސް ދެންޏާ ދެ ރައީސުންނަށް އެކީވެސް ލިބޭނީ 100 އަކުން ސުމެކެވެ. މަޖިލީހުގެ ރައީސް ދަނީ ބަރުލަމާނީ ނިޒާމަކަށް ފައްކާ ކުރަމުންނެވެ. ބަރުލަމާނީ ނިޒާމެއް ގާއިމުކޮށް ބޮޑުވަޒީރުކަމަށް އިސްވުމުގެ ހުވަފެން ރައީސް ނަޝީދު ދެކެމުން ދާއިރު، ރައީސް ސޯލިހު މަސައްކަތްޕުޅު ކުރައްވަނީ ރިޔާސީ ނިޒާމައިގެން ކުރިއަށް ދިއުމަށެވެ.

އެމްޑީޕީ ފެއިލްވެފައި ހުރި ގޮތްތައް ކިޔައި ހުސްނުވާނެއެވެ. އަޅުގަނޑު ފަހަރެއްގައި ވެސް ވަކި ކޮޅަކަށް ބުރަވަނީއެއް ނޫނެވެ. އެހެންނަމަވެސް ހަގީގަތް ވަނީ ހަގީގަތަށެވެ. 2008 ވަނަ އަހަރު ރައްޔިތުން އެމްޑީޕީގެ ކެނޑިޑޭޓެއް ރައީސްކަމަށް ހޮވީ ވަރަށް ފޮނި އުންމީދުތަކަކާ އެކުގައެވެ. ނަމަވެސް އެބުރުވެސް ރައްޔިތުންގެ ހުވެފެންތަކުގައި ކޮޅުފައި ޖަހައި، ދައުރު ހަމަނުވަނީސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ރައްޔިތުން ކުރި އިތުބާރުވެސް ގެއްލުވާލަމުންނެވެ. ދެވަނަ ފަހަރަށް ރައްޔިތުން 2018ވަނަ އަހަރު އެމްޑީޕީއަށް އިތުބާރު ކުރީ ކުރިންހެން ފޮނި އުންމީދުތަކަކާ އެކުގައެވެ. މިފަހަރު އެމްޑީޕީން އެންމެ ފަހުވަގުތު ހަދާ ގޮތެއް ބަލަމާ ހިނގާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!