ޕާސްތާ ކައިގެން ވެސް ބަރުދަން ލުއި ކުރެވިދާނެ
ޕާސްތާއަކީ މިހާރު ގިނަ ބަޔަކަށް ވަރަށް ކަމުދާ ކެއުމެކެވެ. ތިން އިރަށް ޕާސްތާ ކައިގެން އުޅޭ މީހުން ވެސް އުޅެއެވެ. ފަލަ ވާނެ ކަމުގެ ބިރަށް ކިތަންމެ ކާ ހިތް ވިޔަސް ޕާސްތާ ނުކައި އުޅޭ މީހުން ވެސް މަދެއް ނޫނެވެ.
ނަމަވެސް ކުރިން ހީވެފައި އޮންނަ ގޮތާއި ހިލާފަށް ޕާސްތާ އަކީ ބަރުދަން ލުއި ކޮށްދިނުމަށް އެހީވެދޭ ކާނާއެކެވެ. ހުދު ހަނޑުލާއި ދާދި އެއް އަދަދަކަށް ޕާސްތާގައި ވެސް ކާބޯހައިޑްރޭޓްސް ހުރި ކަމުގައި ވިޔަސް ޕާސްތާ އިން ލެޔަށް ނަގާ ހަކުރު ގެ މިންވަރު މަދު ކޮށްދޭކަމަށް ކެނެޑާގެ ހޮސްޕިޓަލަކުން ކުރި ދިރާސާއެއްގައި ދައްކައެވެ.
2017 ވަނަ އަހަރު އެސް ޓީ މައިކަލް ހޮސްޕިޓަލުން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ކާބޯހައިޑްރޭޓްސް އިން މުއްސަނދި އެހެނިހެން ކާނާއަށް ވުރެ ޕާސްތާގައި ގްލައިސެމިކް އިންޑެކްސް މަދެވެ. އަދި މީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު އިތުރު ނުވާނެ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.
މި ދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރި ޑޮކްޓަރު ބުނާ ގޮތުގައި ޕާސްތާ އަކީ ފަލަވުމަށް މެދުވެރިވާ ކާނާއެއް ނޫން ކަމަށާއި ޕާސްތާއިން މީހާގެބަރުދަން ލުއި ކޮށްދޭކަމަށެވެ. މި ދިރާސާގައި 2500 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްފައިވެއެވެ.