ޚަބަރު

ބްރިޖުގެ ދަގަނޑުތަކުގައި ދަބަރު ޖަހާ މައްސަލަ އަށް ހައްލު ގެންނަނީ

ދެން އެމްވީ ، ދެން އޮންލައިން

ސިނަމާލެ ބްރިޖުގެ ދެފަރާތާއި މެދުގައި ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހާތީ އޭގެ ބަދަލުގައި އާ މެޓީރިއަލެއް ބޭނުންކޮށްގެން އެ މައްސަލަ ހައްލު ކުރަން ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒޭންގް ލިޒޯންގް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިކަމާ ގުޅޭ ގޮތުން ސަފީރު ޒޭންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަގަނޑުތަކުގައި ދަބަރުޖަހާ މައްސަލަ ހައްލު ކުރަނީ ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭ މެޓީރިއަލްއެއް ބޭނުންކޮށްގެން ކަމަށެވެ. އެކަން ކުރަނީ ޗައިނާގެ ޒިއޭމަން ޔުނިވާސިޓީ އާއި ބްރިޖު ހެދި އެ ގައުމުގެ ސީސީސީސީ އިންޖިނިއަރިންގެ ޓީމުން އެކި ފަހަރު މަތިން ކުރި ދިރާސާތަކަކަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބްރިޖުގައި އަޅުގަނޑުމެން ކުރަން އެއްބަސް ވެފައިވާ ކަންކަން މަތިން ހަނދާނެއް ނުނެތޭ،" ސަފީރުގެ ޓުވީޓުގައި ވެ އެވެ.

ދަގަނޑު ތަކުގައި އަޅިކުލައިގެ އެ މެޓީރިއަލް ލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ޚަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!