ކުޅިވަރު

އެމްއެންޑީއެފް އާއި އެމްޕީއެލް އަދި އެމްޑަބްލިޔުއެސްސީން ރޭގެ މެޗުތައް ވެސް ކާމިޔާބުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ރޭ ކުޅުނު މެޗުތައް ވެސް ކާމިޔާބުކޮށްފިއެވެ.

Ads by MWSC

އެމްބީޕީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓުގައި އެމްއެންޑީއެފް އާއި އެމްޕީއެލް އަދި އެމްޑަބްލިޔުއެސްސީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ވަނީ ކާމިޔާބުކޮށްފައެވެ.

ޓީމް އިވެންޓުގައި ރޭ ކުޅުނު މެޗުގައި ޓީއެމްއޭ އަތުން އެމްއެންޑީއެފް މޮޅުވީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމު 4-1 ގޭމުން އެމްއެންޑީއެފް މޮޅުވި އިރު، ދެވަނަ ގޭމު ގެންދިޔައީ 4-2 ފްރޭމުންނެވެ. އަދި އެމްއެންޑީއެފުން ތިންވަނަ ގޭމު ގެންދިޔައީ 4-2 ފްރޭމުންނެވެ.

ރޭ އެމްޕީއެލް އިން ކުޅުނު ފަސޭހަކަމާއެކު ސީދާ ތިން ގޭމުން ވަނީ އެމްޓީސީސީ ބަލިކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ގޭމު ސީދާ ހަތަރު ފްރޭމުން އެމްޕީއެލް ކާމިޔާބުކުރި އިރު، ދެވަނަ ގޭމު ވެސް އެމްޕީއެލުން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ. އަދި ތިންވަނަ ގޭމު އެމްޕީއެލުން ގެންދިޔައީ 4-2 ފްރޭމުންނެވެ.

ފެނަކައާ ދެކޮޅަށް ނުކުމެ އެމްޑަބްލިޔުއެސްސީން މެޗު ގެންދިޔައީ 2-1 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު ސީދާ ހަތަރު ފްރޭމުން އެމްޑަބްލިޔުއެސްސީ ގެންދިޔަ އިރު، ދެވަނަ ގޭމު 3-4 ފްރޭމުން ގެންދިޔައީ ފެނަކައެވެ. ތިންވަނަ ގޭމު 4-3 ފްރޭމުން ގެންދިޔައީ އެމްޑަބްލިޔުއެސްސީއެވެ.

ޓީމް އިވެންޓުގައި ރޭ ކުޅުނު އަނެއް މެޗުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ 2-1 ގޭމުން ދިރާގު ބަލިކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!