ޚަބަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފުރިހަމަ ލިސްޓެއް އާއްމު ނުކުރަނީސް ރައްޔިތުން އިތުބާރު ނުކުރާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިދިކޮޅުގެ އެއްވުމެއްގައި އާދަމް ޝަރީފް ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ދެން އިމޭޖްސް

ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ މީހުންގެ ފުރިހަމަ ލިސްޓެއް އާއްމު ނުކުރަނީ އެމްޑީޕީއަށް ދިވެހި ރައްޔިތުން އިތުބާރު ނުކުރާނެ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އާއްމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ލިސްޓަކީ ބައެއް ބޭފުޅުންގެ ނަން އުނިކުރުމަށްފަހު އާއްމުކޮށްފައިވާ ލިސްޓެއް ކަމަށް އިކޮނޮމިކް ފައްޔާޒް އިސްމާއީލް ވަނީ، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ދުވަސްވަރު ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓު އާއްމު ކުރައްވާނެ ކަމަށް ވިދާޅުވެ، ސަރުކާރުން އެކަން ތަޙްޤީޤް ކުރުމުގައި ލަސްތަކެއް އުޅޭތީ ފާޑު ކިޔާފައެވެ. ރައީސް ނަޝީދާއި ފައްޔާޒަކީ އެމްޑީޕީގައި މިހާރު އުފެދިފައިވާ ދެ ފެކްޝަންގެ ދެ ބޭފުޅުންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޚިޔާނާތުގެ ލިސްޓްގެ ސައްހަ ލިސްޓެއް އާއްމު ނުކުރަނީ އެ ލިސްޓްގައި އެމްޑީޕީގެ ދެ ފެކްޝަންގެ މީހުން ހިމެނޭތީތޯ ސުވާލު އުފައްދަވާފައެވެ.

އަދި ޚިޔާނާތުގައި ހިމެނޭ މީހުންގެ ފުރިހަމަ ލިސްޓެއް އާއްމު ކުރުމަށް ރައީސް މުޙައްމަދު ނަޝީދަށާއި ފައްޔާޒް އިސްމާއީލަށް ޓެގް ކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

"އެ ލިސްޓް ހާމަ ނުކުރައްވަނީސް ރައްޔިތުން އިތުބާރެއް ނުކުރާނެ" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްއެމްޕިއާރުސީގެ ޚިޔާނާތް ތަޙްޤީޤްކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުުދުތަކުގެ ތެރެއިން ވައުދެކެވެ. އެ މައްސަލައިގައި ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާކޮށްފައިވާއިރު، ޚިޔާނާތުގައި ހިމެނޭ ގިނަ ބަޔަކު އަދިވެސް ފަރުދާގެ އަނެއް ފަރާތުގައި ތިބުމުން ގިނަ ބައެއްގެ ފާޑު ކިޔުން ދަނީ އަމާޒުވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!