ޕާކިސްތާނުގެ ސިއްހީ ނިޒާމުގެ ފެންވަރު ދަށްވެ، ހޮސްޕިޓަލުތަކުން ހިތްދަތި މަންޒަރުތަކެއް

ޕާކިސްތާނުގެ ސިއްހީ ނިޒާމު ބޮއްސުންލައި، މާބަނޑު މީހުންގެ ވޯޑުތަކުގެ އެއް އެނދުގައި ތިން ހަތަރު ކުދިން ބައިތިއްބަން ޖެހިއްޖެ އެވެ.
އޭއައިނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ އެންމެ ބޮޑު ޕަބްލިކް ހޮސްޕިޓަލް، ޕީއައިއެމްއެސްގެ ޖާގައިގެ ދަތިކަމާއި ހޮސްޕިޓަލަށް ބޭނުންވާ ތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑެވެ. އަދި މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ މާބަނޑު މީހުން ތިބޭ ވޯޑުގައި ކަން ފާހަގަކޮށްފައިވެއެވެ.
އެގޮތުން، އެ ހޮސްޕިޓަލުގެ ވޯޑެއްގައި އަލަށް ވިހާ ކުދިން އެއް ފަހަރާ ގިނަ ކުދިން ކުޑަ އެނދުގައި ބައިތިއްބާ ކަން ފާހަގަކޮށްފައިވެއެވެ. ތުއްތު ކުދިންގެ އިތުރުން އެނދު ނެތިގެން ބައެއް މާބަނޑު މީހުން ވެސް ވަނީ އެއް އެނދެއްގައި ބާއްވައިގެން ފަރުވާ ދޭން ޖެހިފައި ކަމަށް ރިޕޯޓު ބުނެއެވެ.
މީގެ ސަބަބުން ތުއްތު ކުދިންނަށް ތަފާތު އެކި އިންފެކްޝަންތަކާއި ބަލިތައް ފެތުރުމުގެ ފުރުސަތު އިތުރުވާތީ ދާއިރާގެ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ހިމެނޭހެން އިތުރު ނުވަ ސިޓީއެއްގެ މާބަނޑު މީހުންނަށް ހިދުމަތްދޭ އެ ހޮސްޕިޓަލުގައި މިވަގުތު ހުރީ އެންމެ 156 އެނދެވެ. އަދި އެ ހޮސްޕިޓަލަކީ ދުވާލަކު އެވްރެޖުކޮށް 300 މާބަނޑު މީހުންނަށް ފަރުވާ ދީ، ސީޒޭރިއަން ހިމެނޭހެން ދުވާލަކު އާންމުކޮށް 23 މާބަނޑު މީހުން ވިއްސާ ހޮސްޕިޓަލެކެވެ.
ހޮސްޕިޓަލުގެ ފެންވަރު ދަށް ވުމާ ގުޅިގެން ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ޑޮކްޓަރުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.