ލަވަ ކިޔަނީ އާއިލާއަށް އާމްދަނީ ފޯރުކޮށްދޭން، ހިތްހަމަ ނުޖެހުނަސް ފަރުވާލެއް ނެތް: މައީޝާ
މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދާ، ކުރިއަރަމުން އަންނަ ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު)، ލަވަކިޔަން އިންދާ މީހަކު ގޮސް އޭނާގެ ހިފައިގެން އިން މައިކު އުފުރާލާ ނުރުހުން ފާޅު ކޮށްފިއެވެ.
މާފަންނުގައި ހުންނަ ކޮފީ ސްޓޭޓްގައި ރޭ މައީޝާ ލަވަކިޔަން އިންދާ، މެދު އުމުރުފުރައިގެ ފިރިހެނަކު ގޮސް މައީޝާ ލަވަކިޔަންއިން މައިކު އުފުރާލާ އޭނާއާ ދިމާލަށް ނުރުހުމުގެ ބަސްތަކެއް ބުނާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މައީޝާ ވަނީ ޓްވިޓާގައި ހިއްސާ ކޮށްފައެވެ.
މައީޝާ ބުނި ގޮތުގައި އެކަން ކޮށްފައިވަނީ، އޭނާ ލަވަކިޔާތީ އުނދަގޫވެގެން އުޅުނު އަވަށްޓެރިއެއް ކަމަށެވެ.
ޓްވިޓާގައި ވީޑިއޯ ހިއްސާ ކުރަމުން މައީޝާ ބުނެފައިވަނީ ހުއްދަ ނެތި މީހުންގެ އެއްޗެހީގަ އެގޮތަށް އަތްލުމަކީ ޤާނޫނީ ގޮތުން ކިހާވަރަކަށް ހުއްދަ ކަމެއްކަން ނޭނގޭ ކަމަށާއި މައީޝާ ލަވަކިޔާތީ އޭނާއާ ދިމާލަށް އެމީހާ އެއްޗެހިވެސްކީ ކަމަށެވެ.
This was last night @coffeestatemv . Dont know how legal it can be to touch other peoples property without consent. He belittled me for doing my thing, but tell you all something. This is how i take care of my family. If you have a problem with that, im sorry i just cannot care. pic.twitter.com/lOMAf0IM7M
— Mariyam Maeesha (@RaalhuMariyambu) February 25, 2020
މީގެއިތުރުން އޭނާ ބުނެފައިވަނީ ލަވަކިޔުމަކީ އޭނާގެ އާއިލާއަށް އާމްދަނީ ފޯރުކޮށްދޭން ދިރިއުޅުމަށް އޭނާ ކުރާ މަސައްކަތް ކަމަށާއި، އެކަމާ ބަޔަކު ހިތްހަމަ ނުޖެހުނަސް އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ.
މިހާދިސާއާއި ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެފައިވަނީ މައީޝާ ލަވަކިޔަން އިންދާ ހުއްޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޤާނޫނު އަސާސީއާއި ޚިލާފު ނުވާ ކޮންމެ ކަމެއް ކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ލަވަކިޔަކިޔަން ހުއްޓާ އޭނާގެ މައިކު ދުރައްޖައްސާ އޭނާ ހުއްޓުވިއަސް، ފަހުން އޭނާވަނީ ޝޯ ކުރިއަށް ގެންގޮސް އެޝޯ ނިންމާފައެވެ.