ޚަބަރު

މިދިޔަ މަހު 239 ކައިވެންޏެއް ކުރި އިރު 147 ވަރި ވަނީ ކޮށްފަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފެމިލީ ކޯޓުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ރާއްޖޭގައި 239 ކައިވެންޏެއް ކޮށްފައިވާ އިރު، 147 ދެމަފިރިއަކު ވަނީ ވަރިވެފައެވެ.

Ads by STELCO

ކޯޓުގެ މައުލޫމާތު ދައްކާގޮތުން މިދިޔަ މަހުގެ ތެރޭގައި ވަރީގެ 182 މައްސަލައެއް ފެމިލީ ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލަތަކުގެ ތެރެއިން 147 މައްސަލައަކީ މިދިޔަ މަހު ރަޖިސްޓަރީ ކޮށްފައިވާ ވަރިތަކެވެ.

ކޯޓުން ނިންމި ވަރީގެ މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. މިގޮތުން 82 މީހަކު ވަނީ މިދިޔަ މަހު ވަރިވުމަށް އެދި ކޯޓަށް ހުށަހަޅާފައެވެ. ދެވަނައަށް އެންމެ ގިނައީ ވަރި ސާބިތުކުރުމަށް ހުށަހެޅި މައްސަލަތަކެވެ. ވަރި ސާބިތުކުރުމަށް 75 މީހަކު ކޯޓަށް ހުށަހަޅާފައިވާކަން ތަފާސް ހިސާބުތަކުން އެނގެއެވެ.

މީގެ އިތުރުން، ދަރިންނަށް ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ޚަރަދު ނުދިނުމާ ގުޅިގެން ހަތަރު މައްސަލައެއް މިދިޔަ މަހު ކޯޓަށް ހުށަހެޅިފައިވެއެވެ. ހަމައެއާއެކު، ދަރިންގެ އެހެނިހެން ޚަރަދުތައް ހޯދުމަށް އެދި ދެ މީހަކު ވަނީ ފެމިލީ ކޯޓަށް ހުށަހަޅާފައެވެ.

މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކައިވެނި ކުރާ މިންވަރާ އަޅާބަލާއިރު ވަރިވާ މިންވަރު މަތިވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިއީ މުޖުތަމައުގައި ކަންބޮޑުވުން އުފެދޭ ކަމެއް ކަމުގައި އާއިލީ ގުޅުންތަކާ ބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

Ads by HDC