ޚަބަރު

މީޑިއާ ބިލާ ދެކޮޅަށް އެމްޑީޕީން ބަޔާނެއް ނެރެފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީން ސިއްރުކޮށްގެން ގެންދިޔަ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ

މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ރެޖިސްޓްރޭޝަން ވެސް ބާތިލްކުރެވޭ ގޮތަށް އާ ކޮމިޝަނެއް ހަދަން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މިއަދު ބަޔާނެއް ނެރެފި އެވެ.

Ads by MPL

އެމްޑީޕީން ބަޔާން ނެރުނީ އެ ޕާޓީގެ ތުޅާދޫ ދާއިރާގެ ގޮފީގެ ފަރާތުންނެވެ

އެ ބަޔާނުގައި ބުނީ އެއީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ވައްދާފައިވާ ބިލެއް ކަމަށެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރު އެ ބިލު އަނބުރާ ގެންދެވުމަށް ވެސް އެމްޑީޕީން ގޮވާލި އެވެ. އަދި އެއީ ތުޅާދޫގައި ތިބި އިސްލާހަށް މަސައްކަތްކުރާ އެތައް ރައްޔިތުންނެއް ތާއީދުނުކުރާ ބިލެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މިއީ މިފަދަ ބިލެއް ހަންނާން ހުށަހެޅުއްވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ފަހު ކޮޅު ވެސް އޭނާ މީގެ ބިލެއް ހުށަހެޅުއްވި އެވެ. އެ ފަހަރު އާންމުންގެ ބޮޑެތި ފާޑުކިއުމާއި ނޫސްވެރިންގެ ޕްރެޝަރު ސަރުކާރަށް އަމާޒުވުމުން ބިލު އަނބުރާ ގެންދެވި އެވެ.

ދެވަނަ ފަހަރު ހަންނާން ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ނާޒިމްގެ އެހީތެރިކަމާ އެކުގަ އެވެ. ނާޒިމް ވިދާޅުވެފައިވަނީ ބިލު ތައްޔާރުކުރުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އޭގެ މަސްތަކެއް ކުރިން މިފަދަ ބިލެއް ތައްޔާރުކުރުމުގައި އުޅުއްވާ ކަމަށް ނާޒިމް ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ބިލުގައި ވަނީ ކީކޭ؟

އެ ބިލުގައި ބުނެފައި ވަނީ މިއީ ނޫސްވެރިިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި ބްރޯޑްކާސްޓިންވެސް ހިމެނޭގޮތަށް މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމަށްޓަކައި ހުށަހެޅި ބިލެއް ކަމަށެވެ.

ބިލުގައި ބުނެފައިވާ ގޮތުން އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި މިނިވަން ކޮމިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ.

އެ ކޮމިޝަންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ދޮގު ހަބަރުތައް ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުމަށް ކަމާ ބެހޭ ފަރާތްތަކަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެންގުން ހިމެނެ އެވެ.

އަދި ދޮގު ހަބަރު ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްރަތު އުފައްދާ ގައުމުގެ އާންމު މަސްލަހަތު ނަގާލަން މަސައްކަތް ކުރާކަން ފާހަގަކުރެވިއްޖެނަމަ އެ މީހަކު ނުވަތަ ބަޔަކާ މެދު ފިޔަވަޅު އަޅަން އެ ކޮމިޝަނުން ކަމާ ބެހޭ ފަރާތްތަކަށް އަންގަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަންގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރު މެމްބަރު ތިބޭނެ ކަމަށް ބިލުގައި ބުނެފައި އެވެ. އަދި ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ބުނެފައިވެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުން ބިލު ގާނޫނަކަށް ވުމުން ރާއްޖޭގައި އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއުކުރަންވާނީ ކޮމިޝަންގައި ރަޖިސްޓްރީކޮށްގެން ނެވެ. އަދި ރަޖިސްޓްރީނުކޮށް މަޖައްލާއެއް އަދި ނޫހެއް ވެސް ދެން ނުހިންގޭނެ އެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ބިލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އަދި ބިލު އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި މަޖިލީހަށް މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ކަމަށެވެ.

އެމްއެމްސީން ބުނީ ބިލު އެކުލަވާލާފައިވަނީ ނޫސްވެރިންގެ ހައްގު ނިގުޅައިގަންނަ ގޮތަށް ކަމަށާއި، މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައިވާ އިބާރާތްތަކަކީ ސާފު އިބރާތްތަކަކަށް ނުވާތީ އެ އިބާރާތްތައް ބޭނުންގޮތަކަށް މާނަކޮށްގެން ނާޖާއިޒު މަންފާ ނެގޭ ގޮތަށް ކަމަށެވެ.

އަދި މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވި ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް އެ މީޑިއާއެއް ހުއްޓާލުމުގެ ބާރު އުފައްދާ ކޮމިޝަނުން ލިބޭ ކަމަށެވެ.

އެމްއެމްސީން ބުނީ ގާނުނުއަސާސީއާ ހިލާފަށް އޮތް ބިލަކީ، މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި، ބިލާއި ގުޅޭ ގޮތުުން ކަންކަން ދިރާސާކުރަމުންދާ ކަމަށެވެ.

 

Ads by HDC