ހުއްދަ ނުނަގައި, ބިމުން ފެން ނަގައި އެ ފެން ބޭރުކުރާނަމަ ދުވާލަކަށް 40,000 ރ. ގެ ޖޫރިމަނާއެއް
ޢިމާރާތްކުރުމަށާއި, ސިނާޢީ އެހެނިހެން މަޝްރޫޢުތަކަށް ބޭނުންކުރުމަށް ހުއްދަ ނުނަގައި, ބިމުން ފެން ނަގައި, އެ ފެން ބޭރުކުރާނަމަ ކޮންމެ ދުވަހަކު 40,000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ކަނޑައަޅައި ގަވާއިދު އިސްލާހުކޮށްފިއެވެ.
ޢިމާރާތްކުރުމަށާއި, ސިނާޢީ އެހެނިހެން މަޝްރޫޢުތަކަށް
ބިމުން ފެން ނަގައި, އެ ފެން ބޭރުކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓްކުރީ އިއްޔެގައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އެ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ, ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ހުއްދަ ނެގުމަކާ ނުލައި, ނުވަތަ ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމަކާ ނުލައި ބިމުން ފެން
ނަގައި ފެން ބޭރުކޮށްފިނަމަ, އެފަދަ ފަރާތެއްގެ އަދަބަކީ އެ މަސައްކަތް ކުރި ކޮންމެ ދުވަހަށް 40,000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށެވެ. އެ ގޮތުން އެންމެ ގިނަވެގެން ޖޫރިމަނާ ކުރެވޭނީ އެއް މިލިއަން ރުފިޔާއާ ހަމައަށް ކަމަށެވެ.
އަދި ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މި ގަވާއިދާ ޚިލާފަށް އެއްވެސް ޢަމަލެއް ކޮށްފިނަމަ އެފަދަ ފަރާތެއްގެ އަދަބަކީ އެ ޢަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި އެކަން ކުރި ފަރާތެއް 5000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަ ދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.
''އެއްވެސް ފަރާތަކުން ހުއްދަ ނެގުމަކާނުލައި ބިމުން ފެން ނަގައި ފެން ބޭރުކުރުމަށްފަހު ހުއްދައަށް އެދި ހުށަހަޅައިފިނަމަ ހުއްދަ ދެވޭނީ ހުއްދަ ނެގުމަކާނުލައި ބިމުން ފެން ނަގައި ފެން ބޭރުކުރި މުއްދަތަށްވާ ޖޫރިމަނާ އޮތޯރިޓީއަށް ދެއްކުމުންނެވެ.'' ގަވާއިދުގައި ވެއެވެ.
ހުއްދައިގެ މުއްދަތު އިތުރު ކޮށްދޭންވާނީ ހުއްދައިގެ
މުއްދަތު ހަމަވުމަށްފަހު, ބިމުން ފެން ނަގައި ފެން ބޭރުކުރި މުއްދަތަށް ޖޫރިމަނާއެއްވާނަމަ އެ ޖޫރިމަނާ އޮތޯރިޓީއަށް ދެއްކުމުންކަމަށް ވެސް ގަވާއިދުގައި ވެއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ ގަވާއިދު ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.