މުނިފޫހިފިލުވުން

ހުވާ" ގައި ރަވީ ނެތުން، ބޮޑު ވެއްޓުމަކަށް!

ބައިސްކޯފުން ދައްކާ ދިވެހި ވެބްސީރީޒްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފަހުކޮޅާއި ޖެހެންދެން އެންމެ ގިނަ ބަޔަކު ބެލި އެއް ވެބްސީރީޒަކީ، މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ، ޕްރޮޑިއުސަރ އަދި ޑިރެކްޓާރ ފާތުމަތު ނަހުލާ އުފެއްދި ވެބް ސީރީޒް "ހުވާ" އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

"ހުވާ" ގެ ފުރަތަމަ ސީޒަން ނިމުނީ ގިނަ ބައެއްގެ ފަރާތުން އެސީރީޒަށް ހޫނު ތަރުހީބެއް ލިބިގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން "ހުވާ" ގެ ދެވަނަ ސީޒަން އެއް ވެސް އުފައްދާނެ ކަމުގެ އުފާވެރި ޚަބަރު ނަހޫ ވަނީ އެއިރު ބެލުންތެރިންނަށް ދީފައެވެ.

ދެވަނަ ސީޒަން މިހާރު ބައިސްކޯފުން ފެންނަން ހުރިއިރު، ސީޒަން އެކަކާއި އަޅާބަލާފަ "ހުވާ" އަށް ލިބެމުން އަންނަނީ ވަރަށް ފިނި ތަރުހީބެއްކަން މިހާތަނަށް އައި އިރު ފާހަގަ ކުރެވެއެވެ.
އޭގެ މައިގަނޑު އެއް ސަބަބަކީ ސީރީޒްގައި ގިނަ ބެލުންތެރިންނަށް ކަމުދިޔަ ރޯލެއް ކަމަށްވާ "އާޒިމް" ގެ ކެރެކްޓަރ އެއިރު ކުޅުނު މައްޝޫރު އެކްޓާރ/ޑިރެކްޓަރ ރަވީ ފާރޫޤް ގެ ބަދަލުގައި، އަބްދުﷲ މުއާޒް (މުއާ) އެސީރީޒުން ފެނިގެން ދިޔުން ކަމުގައި ގިނަ ބަޔަކު ފާހަގަ ކޮށްފައިވެއެވެ.

ރަވީގެ އަންހެނުން އަދި ކުޅަދާނަ އެކްޓްރެސް އައިޝަތު ރިޝްމީ، އިންސްޓަގްރާމްގައި އޭނާގެ ސްޓޯރީ މެދުވެރިކޮށް ފޭނުންނަށް ސުވާލު ކުރެވޭނެ ފުރުސަތު ހުޅުވާލުމުން ވެސް، ގިނަ މީހުން ރިޝްމީ ގާތުވެސް އަހާފައި ހުރީ "ހުވާ" އިން ރަވީ ވަކިވީ ކީއްވެތޯ އާއި ރަވީ އެރޯލުން ފެންނަން ނެތުމުން "ހުވާ" ބެލުންވެސް ހުއްޓާލި ކަމަށެވެ. އަދި "އާޒިމް" ގެ ރޯލު އަދިވެސް ގުޅެނީ ރަވީ އާއި ކަމަށާއި އެރޯލު މުއާއާއި އެއްގޮތަކަށް ވެސް ނުގުޅޭ ކަމަށް ވެސް ގިނަ މީހުން ފާހަގަ ކޮށްފައިވެއެވެ.

ފޭނުންގެ އެޝަކުވާތަކާއި ގުޅިގެން އޮންލައިން ނޫހެއް ކަމަށްވާ "ދޯ" އިން ރަވީއާއި ސުވާލު ކުރުމުން، އޭނާ ބުނީ "ހުވާ" ގެ ދެވަނަ ސީޒަންގައި އޭނާ ނޫޅެނީ، ދެވަނަ ސީޒަނެއް ހަދަން ކުރިން ހަމަޖެހިފައި ނެތުމުންނާއި ދެވަނަ ސީޒަނަކަށް އޭނާ ކޮމިޓްމެންޓެއް ދީފައިވެސް ނުވާތީ ކަމަށެވެ.
މީގެއިތުރުން ރަވީ ބުނެފައިވަނީ ދުވަސްވީ ވަރަކުން ބެލުންތެރިން "އާޒިމް" ގެ ރޯލުން މުއާ ފެންނަން ހޭނޭނެ ކަމަށެވެ.

ރަވީ މިހެން ބުނި ނަމަވެސް އެއާޓިކަލް އަށް ކޮމެންޓު ކުރި ގިނަ މީހުންވެސް ބުނެފައިވަނީ "ނުހޭނޭނެ" ކަމަށާއި "މުއާ އާއި އެރޯލު ނުގުޅޭ" ކަމަށާއި އެރޯލަށް ހަމަ އެންމެ ރަނގަޅީ ރަވީ ކަމަށެވެ.
އެއިންޓަވިއުގައި މުއާ އާއި ދިމާލަށް ރަވީ އެއްވެސް ބުރަ ބަހެއް ބުނެފައި ނެތް ނަމަވެސް، މިއަދު މުއާގެ ފޭސްބުކްގައި ސްޓޭޓަސްގައި އޭނާ ޖަހާފައިވަނީ، ދަށް ފަންތީގެ މީހުންނާއި އޭނާ ވާދަ ނުކުރާ ކަމަށެވެ. މިސްޓޭޓަސްގައި ސީދާ ވަކި މީހެއްގެ ނަމެއް ޖަހާފައި ނެތް ނަމަވެސް، މިއީ ބެލުންތެރިން ރަވީއަށް ކުރާ ތަރުހީބެއްގެ ބޮޑުކަމުން އޭނާއާއި ދިމާލަށް މުއާ އެއްލި ގަލެއް ކަމަށް ގިނަ މީހުންނަށް ޤަބޫލު ކުރެވެއެވެ.

ސުވާލަކީ، މުއާ މިފަދައިން ރަވީ ދެކެ ރުޅި އަންނަންޏާވެސް ރުޅި އަންނަންވީ އެއްވެސް ސަބަބެއް އެބައޮތްތޯ އެވެ. "ހުވާ" ގައި "އާޒިމް" ގެ ރޯލުން މުއާ ބަލައިނުގަތީ ރަވީ އެއް ނޫނެވެ. ފިލްމީތަރިންގެ ހުނަރު ބަލަމުންދާ ބެލުންތެރިންނެވެ!


މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!