ޚަބަރު ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ބޭރުގެ ދެ އުޅަނދެއް 700,000 ރ. އިން ޖޫރިމަނާކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި ބޭރުގެ ދެ އުޅަނދެއްގެ މައްސަލަ ބެލުމަށްފަހު, އިދާރީ ފިޔަވަޅުގެ ގޮތުގައި ކަނޑައެޅި ޖޫރިމަނާ ފައިސާ ދެއްކުމުން އެ އުޅަނދުތައް ފުރައިގެން ދިއުމުގެ ހުއްދަދީފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.

Ads by MWSC

ޖޫރިމަނާ ފައިސާ ދެއްކުމުން ފުރައިގެން ދިއުމުގެ ހުއްދަދިނީ
އެމްއެންޑީއެފް ކޯސްޓްގާޑުން 13 އޯގަސްޓް 2022 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ސްރީލަންކާގެ ދެ އުޅަނދަކަށެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެ ދެ އުޅަނދުގެ ވެރި ފަރާތް ޖޫރިމަނާކޮށްފައިވަނީ 700,000 ރުފިޔާއިންނެވެ.

1 ވަނަ އުޅަނދު:

500,000 ރުފިޔާ (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީ)

100,000 ރުފިޔާ (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިނިސްޓްރީގެ ހުއްދަ ހޯދުމަކާއި ނުލައި ވަނުމުން)

މި އުޅަނދުގައި 3 ޓަނުގެ ކަނޑުމަހުގެ ބާވަތްތައް ހުރިކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

2 ވަނަ އުޅަނދު:

100,000 ރުފިޔާ (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިނިސްޓްރީގެ ހުއްދަ ހޯދުމަކާއި ނުލައި ވަނުމުން)

ފިޝަރީޒް މިނިސްޓްރީން ބުނީ އަތުލައިގަތް އިރު މި އުޅަނދުގައި މަހެއް ނެތް ކަމަށެވެ.

މަސްވެރިކަމުގެ ޤާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން, އެ ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުމުގެ ކުރިން ތުހުމަތުކުރެވޭ ފަރާތަށް ޖަވާބު ދާރީވުމަށް އަޑުއެހުމެއް ބާއްވަން ޖެހެއެވެ. މިނިސްޓްރީން ބުނީ އިދާރީ ފިޔަވަޅު އެޅުމުގެ ކުރިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުމެއް ބާއްވައިގެން އުޅަނދުގެ މާސްޓަރު އަދި ވެރި ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވިފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް މަސްވެރިކަމުގެ ޤާނޫނާއި ޚިލާފުވެގެން ބޭރުގެ އުޅަނދުތައް ޖޫރިމަނާކޮށްފައިވެއެވެ. އެ ގޮތުން ޖޫރިމަނާ ދެއްކި އުޅަނދުތައް ފުރައިގެން ދިއުމުގެ ހުއްދަ ދީފައިވެއެވެ. ނަމަވެސް
ޖޫރިމަނާ ނުދައްކާ 04 އުޅަނދެއް ދައުލަތަށް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓްރީން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!