ކުޅިވަރު

ގަދަ ފަދަ ބެންގަލޫރު ކަޓުވާލައި، މާޒިޔާ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް

އޭއެފްސީ ކަޕް ކޮލިފައިންގައި ސަރަހައްދީ ވަރުގަދަ ބާރު އިންޑިޔާގެ ބެންގަލޫރު އެފްސީ ކަޓުވާލާ ރާއްޖޭގެ މާޒިޔާއިން ގްރޫޕް ސްޓޭޖުގެ ފުރުސަތު ހޯދައިފިއެވެ.

މާޒިޔާއަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ މިރޭ ބެންގަލޫރުގައި ކުޅުނު މެޗު ތިން ލަނޑު ދެ ލަނޑުން ބަލިވި ނަމަވެސް، އެގްރީގޭޓުން އެއްވަރުވެ، ޕެނަލްޓީ ޝޫޓްއައުޓްގައި ބެންގަލޫރު ކަޓުވާލައިގެންނެވެ.

މިރޭ އިންޑިއާގެ ބެންގަލޫރުގައި ކުޅުނު މެޗުގައި ފުރަތަމަ ހާފު ނިންމާލީ ދެ ޓީމަށްކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހިއެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ބެންގަލޫރުންވަނީ ލަނޑު ޖަހާ ކުރި ހޯދާފައެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ މާޒިޔާއިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު މާޒިޔާއަށް ޖަހާދިނީ އިބްރާހިމް ވަހީދުއެވެ.

އޭގެ ފަހުން ދެވަނަ ފަހަރަށްވެސް ބެންގަލޫރުން މެޗުގެ ލީޑު ނެގިއެވެ. ނަމަވެސް އަނެއްކާ ވެސް މާޒިޔާއިން ވަނީ ދެވަނަ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފިއެވެ.

މެޗުން ނިމެން ދަނިކޮށް ބެންގަލޫރުން ވަނީ ތިން ވަނަ ލަނޑު ޖަހައި މެޗުން ކުރި ހޯދާފައެވެ. ނަމަވެސް އެގްރީގޭޓް ނަތީޖާ އެއްވަރުވުން، ގްރޫޕް ސްޓޭޖަށް ދާނެ ބައެއް ހޯދަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ބެންގަލޫރުގެ މައްޗަށް މާޒިޔާއިން ކުރި ހޯދާ 4-3ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ސްޓޭޖުގައި މާޒިޔާއިން ކުޅެން ޖެހޭނީ ރާއްޖޭގެ ޓީސީއާ، އިންޑިޔާގެ ޗެންނާއީ އެފްސީ އަދި ބަންގާޅުގެ ބަޝަންދުރާ ކިންގްސްއާ އެކު ގްރޫޕް އީގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށޭނީ އަންނަ މަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!