ފިލިޕީންސް ސަފީރު މަރްޔަމް ޝަބީނާ، ސަފީރުކަމުގެ ފަތްކޮޅު ފިލިޕީންސްގެ ރައީސަށް އަރުވައިފި

ރާއްޖެއިން ފިލިޕީންސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރްޔަމް ޝަބީނާ އަހްމަދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފިލިޕީންސް ގެ ރައީސް ފަރްޑިނެންޑް ރ. މާކޮސް ޖޫނިއާ އަށް މިއަދު އަރުވައިފި އެވެ.
އެ ރަސްމިއްޔާތު ބާއްވާފައިވަނީ ފިލިޕީންސް ގެ ރިޔާސީ ގަނޑުވަރުގަ އެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ޝަބީނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ފިލިޕީންސް ގެ ރައީސް އަށް އަރިސްކުރައްވާފަ އެވެ.
އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަންވެސް އެރުވި އެވެ. ފިލިޕީންސްގެ ރައީސްގެ ވާހަކަފުޅުގައި ސަފީރު އަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތުގައި އެކަމަނާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ޔަގީންކަން ދެއްވި އެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި ސަފީރު އަރިހުގައި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ކައުންސެލަރ ހުސެއިން ޖައްހާޒު ބައިވެރިވެ ވަޑައިގެންނެވި އެވެ.
