ރިޕޯޓް

ހޯމްސްކޫލިންގ ހުއްދަކުރުމަށް އެދޭ ޕެޓިޝަން: މިއީ ކޮން ބޭނުމަކު ހެދި ކޮން އެއްޗެއް؟

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

މިއަހަރުގެ އޮގަސްޓް މަހުގައި އެމްވީ ޕްލަސްއިން ވަނީ ޕެޓިޝަންއެއް ފަށާފައެވެ. ދިވެހިރާއްޖޭގެ ގާނޫނުގައި ވާ ގޮތުން ކުދިން ސްކޫލަށް ފޮނުވުމަކީ މަޖުބޫރު ކަމެކެވެ. އަދި ސްކޫލަށް ނުފޮނުވުމަކީ ގާނޫނީ ގޮތުން އަދަބު ލިބޭނޭ ކުށެކެވެ. މިއީ ކުދިންގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނެއް ކަމުގައިވާއިރު، މިކަމުގެ އަނެއް ކޮޅުވެސް އެބައޮތެވެ. އެއީ ކުދިންނަށް އިހުމާލުވުމާއި ކުދިންނަށް ދެރަ ގޮތެއް ހެދުމުގެ ބޭނުމުގައި ނޫން ގޮތުގައި، ބައެއް ބެލެނިވެރިން އެމީހުންގެ ކުދިން ހޯމްސްކޫލް ކުރަން ބޭނުންވުމެވެ. އޭގެ ފަހަތުގައި ބައިވަރު ސަބަބުތަކެއް ވެއެވެ. މިގޮތުން މި ޕެޓިޝަން ހެދި ފަރާތާއި އަހަރެން ވާހަކަ ދައްކާލާ އެ ފަރާތުގެ ހިޔާލު ހުރި ނެތް ގޮތް އޮޅުން ފިލުވާލީމެވެ.

Ads by STELCO

އަސްލު މި ޕެޓިޝަން ފެށި ސަބަބަކީ ކޮބާ؟ ރާއްޖެއަށް މި ޕެޓިޝަން ބޭނުންވަނީ ކީއްވެ؟

“ މިޕެޓިޝަން ސަބްމިޓްކުރިތާ ދުވަސްކޮޅެއްވެއްޖެ އެޕްރޫވަލް ހޯދަންވެގެން. ބޭނުންވީ މީހުންގެ ޝައުގުވެރިކަން ހުރިތޯ ބަލާލަން. މަދު ބަޔަކު އުޅޭ ހޯމްސްކޫލިންގްގެ ވާހަކަ ދައްކާ. ދެން ޖެނެރަލް ޕަބްލިކްގެ ވިއުއަކީ ކޮބައިތޯ ބަލާލަން ބޭނުންވީ. ދެން ސްކޫލަތްކުގައި ވަރަށް ބޮޑަށް މައްސަލަތައްގިނަ ވާން ފަށައިފި. އެހެންވެ ދެން ހަމަ ތަންކޮޅެއް ބޮޑަށް ބޭނުންވީ މިކަމައިގެން ހަމަ ކުރިއާށް ދާން. ކޮންމެހެން ކުރަން ޖެހިއްޖެ ކަމެއްގެ ގޮތުގައި އިހުސާސްވީ” 

ހޯމްސްކޫލިންގ އަކީ ކޮބާ؟ ލީގަލައިޒް ކޮށްފިނަމަ އެކަންތައް ކުރާނީ ކިހިނެތް؟

“ ހޯމްސކޫލިންގގަ ވާގޮތަކީ ކުއްޖާގެ ކިޔެވުން، އަހަރެމެންނަށް ހަމަ ފޮލޯ ކުރެވިދާނެ ނެޝަނަލް ސްޓޭންޑާރޑްއާއި އެއްގޮތަށްވެސް ސަރުކާރުން އެގޮތަށް ބޭނުން ވަންޏާ. ސެޓް ސްޓޭންޑާރޑްއެއް އޮވެފަ އެއާ އެއްގޮތަށް ކުރިއަށް ގެންދެވިދާނެ. ހޯމްސްކޫލިންގްގައި ލިބޭ މނިވންކަމަކީ ކުއްޖާއަށް ކިޔަވައިދޭ ގޮތާއި އެއްޗެހި ބެލެނިވެރިޔާ ނިންމާނީ. ކޮންމެ ދުވަހަކު ނުޖެހޭނެ މިވެނި ގަޑިއަކުން މިވެނި ގަޑިއަކަށް ކުރިއަށް ގެންދާކަށް. އަޅުގަނޑު ދެކޭ ގޮތުގައި، ހޯމްސްކޫލިނގްއަކީ ކުއްޖާގެ އިންޓްރެސްޓްއާއި އެއްގޮތަށް ހަމަ ނެޝަނަލް ސްޓޭންޑާޑްއާއި އެއްގޮތަށް ކިޔަވައިދިނުން”

ހޯމްސްކޫލިންގްއާއި ބެހޭ ގޮތުން އާންމުންގެ ތެރޭގައި އޮންނަ ކުށްހީތަކަކީ ކޮބާ؟

“އެންމެ ބޮޑު ކަމަކަށް ރާއްޖޭގެ ގިނަ މީހުން ހީކުރަނީ މީ ހަމަ ވަރަށް އެކްސްޓްރީމް މީހުން ކުރާ ކަމެކޭ. ނޫނީ މިހެން ހަދާ ކުދިން ވަކި ކޮށް ގެންނޭ ގެންގުޅޭނީ. ހާއްސަކޮށް ބައެއް މީހުން އަހާ ސުވާލު ތަކުން އެނގޭ މިސާލަކަށް ކިހިނެތްހޭ ވަޒީފާ ހޯދާނީ. މީހުންނަށް ހީވަނީ މިހެން ހަދާ ކުދިން އެއްވެސް ވަރަކަށް ބޭރަށް ނުނެރެ ވަރަށް އައިސޮލޭޓެޑް ވާނޭ ނޫނީ އަންހެން ކުދިންނަށް ނުކިޔަވައިދޭން ކުރާ ކަމެކޭ. އަޅުގަނޑަށް ހީވާ ގޮތުގައި އެއީ ކަންނޭނގެ އެންމެ ބޮޑު ހުރަހަކަށް މިއަންނަނީ. ހޯމްސްކޫލް ވަނީ ވަރަށް އާދަޔާ ޚިލާފު ކަމަކަށް، ވަރަށް ހަމަ އާ ކަމަކަށް މީހުންނަށް ވަނީ. ވަރަށް ފަހުންވެސް މީހަކު މެސެޖުކޮށްފަ ބުނި މިއީ ތަންކޮޅެއް ހައްދު ފަހަނަ އަޅާފައިވާ ކަމެކޭ. އެކަމަކު މިއީ ހަމަ ދުނިޔޭގެ އެހެން ގައުމުތަކުގަ މުސްލިމް ނޫން މީހުންވެސް ކުރާ ކަމެއް. އަދި ވަރަށް ނޯމަލް ކަމެއް އެހެން ތަންތަނުގަ”

މިޕެޓިޝަންއާއި ދޭތެރޭ އެހާ ރެސިސްޓަންސް އޮންނަނީ ކީއްވެ؟

“ ކޮންމެ ކަމަކަށްވެސް ބަދަލެއް ގެންނަން އުޅެންޏާ ވަރަށް ގިނަ މީހުން ރެސިސްޓް ކުރާނެ. ވަރަށް ފާހަގަ ވާ ކަމެއް ފޭސްބުކްގަވެސް ބެލެނިވެރިން ޝަކުވާ ކުރާނެ ސްކޫލްގެ ކަންކަމާއި ހުރެ، ސްކޫލްތައް ކަމުނުގޮސްގެން. އެކަމަކު އެކްޝަންއެއް ނަގަންވީމަ މީހުން ފަސްޖެހޭ. މިސާލަކަށް މީހުން އެބަ ސުވާލު ކުރޭތާ ކިހިނެތްހޭ އެނގެނީ ރަނގަޅަށް ކިޔަވައިދެވޭނެ ކަން. އެހެންވީމާ އެކަހަލަ ސުވާލުތައް ހުންނަނީތާ”

ސްކޫލްތަކާއި ބެހޭ ގޮތުން މީހުން އާންމުކޮށް ކުރަނީ ކޮން ކަހަލަ ޝަކުވާތަކެއް؟

“ސްކޫލްތަކާއި ބެހޭ ގޮތުން ހަމަ ވަރަށް ގިނައިން ދެކެވޭ ވާހަކައެއް ދޭ މަސައްކަތްތައް ގިނަވާ ވާހަކަ. ހަ ގަޑިއިރު އެވެރެޖްކޮށް ކުދިން ސްކޫލްގައި އެބަ ހޭދަކުރޭ. އަދި އޭގެ އިތުރުން ހޯމްވާރކް އަދި ވީކެންޑް އެސައިންމަންޓްދޭ. ކަރިކިއުލަމްގަވެސް އެބަ އުޅޭ ބައިވަރު ކަންތައްތަކެއް. އެކަމަކު ވާކްލޯޑް ހަމަ ކުދިންނަށް ނެގޭ ވަރެއްނޫން. އޭގެ މާނައަކީ ވާކްލޯޑްގަ އެބަ އުޅޭ މައްސަލައެއް. އޭތި މަސައްކަތެއް ނުކުރޭ. ދެން ގެއަށް އައިސް އެބަޖެހޭ ޓިއުޝަންތަކަށް ދާން. އެއީ އެއްކަމެއް. ގްރޭޑް 1 އަށް ދާއިރުވެސް ކުދިންނަށް އެހާ ބޮޑަށް ލިޔަން ކިޔާކަށް ނޭނގެ. އެކަމަކުވެސް އެބަދޭ ސޯޝަލް ސްޓަޑީސްއާއި ސައިންސާއި ބައިވަރު އެއްޗެހި. އެއީ ވަރަށް ބޮޑަށް އަންނަ ކޮންސާނެއްކަން ފާހަގަވޭ. ދެން ފަހުން ފަހުން އައިސް ހަމަ ފާހަގަކުރެވޭ ބުލީނގްވެސް ވަރަށް އެބަ އިތުރުވާކަން. ކުރީގަ އަޅުގަނޑުމެން ކުޑައިރާއި މިހާރާއި ތަފާތު ހަމަ. އިންސްޓަގްރާމްއިންވެސް މެސެޖްކުރާ މޮމްސް އުޅޭ އެކަހަލަ ބައިވަރު ވާހަަކަ ކިޔައިދޭ. އަޅުގަނޑަށް ހީވަނީ ބުލީނގްއަކީ އެނގޭ ވަރަށްވުރެ މާ ސީރިއަސް މައްސަލައެއް ކަންނޭނގެ”

ހޯމްސްކޫލިން ލީގަލައިޒް ނުކުރެވުނަސް ސްކޫލްތައް ރަނގަޅު ކުރުމަށްޓަކައި ސަރުކާރަށް ކުރެވެން ހުރީ ކޮން ކަންތައްތަކެއް؟

“ސްކޫލްތައް ރަނގަޅުކުރަން ވަރަށް ގިނަ މަސައްކަތް އެބަ ކުރަން ޖެހޭ. އަޅުގަނޑަށް ހީވަނީ ކަރިކިއުލަމްގަ ހަމަ ބޭނުންނުވާ އެއްޗެއްސަކީ ކޮބައިކަން ބެލުން ވަރަށް މުހިންމުހެން. ހުޅަނގުގެ ތައުލީމީ ނިޒާމްތަކަށް ބަލާއިރު ފިންލަނޑަކީ އެންމެ ރަނގަޅު ތައުލީމީ ނިޒާމް އޮންނަ ތަން. އެތާކު ނުދޭނެ ހޯމްވާރކްއެއް. ހުރިހާ އެއްޗަކަށް ބަލާއިރު އެއީ ހަމަ ވަރަށް ވިސްނާ ތަންކޮޅެއް. ދެން އަނެއް ކަމަކަށް ޕްރައިމަރީ ގްރޭޑަށް ބަލާއިރު މިޔުޒިކާ އެއްޗެހި ނުޖަހަން ބޭނުމިއްޔާ، މިސާލަކަށް ވަރަށް ގިނަދޯ މިހާރު ސުންނަތާ އެއްގޮތަށް އުޅޭ މީހުން. އެކުދިންނަކަށް އެހެން ގޮތެއް ނޯވޭ އަރަބިއްޔާ ސްކޫލް ނޫން އެހެން އެއްވެސް އޮޕްޝަނެއް. އަރަބިއްޔާ ސްކޫލަށް ނުފޮނެވޭ ކުއްޖަކު ވެއްޖެއްޔާ އެއްވެސް ޗޮއިސްއެއް ނޯވޭ މިޖެހެނީ ފޮނުވަން. އެއީވެސް ވަރަށް ޖެހޭ މައްސަލައެއް ކަންނޭނގެ. އެހާ އެކްސްކްލޫޑް ނުވާ ގޮތަކަށް ތަންކޮޅެއް އިންކްލޫސިވް ކޮށް އެކަންކަމާ ދުރު ވެވޭނޭ ގޮތެއްޒ މިހާރު ވާ ގޮތަކީ އަސްލު ލިމިޓަޑް ރިސޯސާސްއާއި އެކު، ކްލާސްރޫމް ސައިޒާއި އެއްޗެހި ކުޑަކޮށް އެއިންނަނީ”

ހޯމްސްކޫލިނގް ލީގަލައިޒް ކޮށްފި ނަމަ އެއީ ކާމިޔާބު ކަމާއިއެކު މިގައުމުގައި ހާއްސަކޮށް އަތޮޅުތަކުގެ ތެރޭގައި ކުރެވިދާނެ ކަމެއް ކަމަށް ފެނޭތަ؟

“ރަށްރަށުގަ ތިބޭ މީހުންނަކަށް އެ ރިސޯސްތަކެއް ނެތް ލިބޭކަށް. މިހާރުވެސް ރަށްރަށަށް ބަލާލާއިރު ގިނަ ސްކޫލަތައް ވަރަށް ފެންވަރު ދަށް. ވަކި ހޯމްސްކޫލް ލީގަލައިޒް ކޮށްގެނެއް ނޫން ކަންނޭނގެ ރަށްރަށުގެ ސްކޫލްތައް ރަނގަޅު ކުރެވޭނީ. އެއީ ސަރުކާރުގެ ޒިންމާއެއް. ހަމައެކަނި ހޯމްސްކޫލިނގް ލީގަލައިޒް ކޮށްފަ އެހިސާބުން ނިންމާލައިގެން ނުވާނެ. ސަރުކާރުން އެކަންތައް ފަހި ކޮށްދޭން ފިޔަވަޅު އަޅަންވާނެ. މިސާލަކަށް އޮންލައިންކޮށް ޓިއުޓާރސް އެވޭލަބަލް ވާނެ ކަހަލަ އޮޕްޝަންތަކެއްވެސް ހަމަޖެއްސިދާނެ”

“ދެން އަންނާނެ އެހެން ކަހަލަ މައްސަލަތައް މިސާލަކަށް ބެލެނިވެރިޔާ ފުދޭވަރަށް ތައުލީމު ހާސިލްކޮށްފަ ހުރިތޯ. އަސްލު ހޯމްސްކޫލަކީ ލީގަލައިޒް ކުރިއަސް ކޮންމެ ކޮންމެ ބަޔަކަށް ކުރެވޭނެވެސް ކަމެއް ނޫން ކަންނޭނގެ. ސަރުކާރުން ބަލާ ޗެކް ކުރަން ޖެހޭނެ ކުރިން ބުނިހެން ގަވާއިދުތަކެއް ހަދަން ޖެހޭނެ”

ވަރަށް ގިނަ މީހުން ބުނޭ ހޯމްސްކޫލިނގް ލީގަލައިޒް ކުރުމަކީ ކުދިން އިހުމާލަށް ހުށަހެޅިދާނެ ކަމެކޭ. މި ބުނާ ބުނުމާ ދޭތެރޭ ބުނަނީ ކީކޭ؟

“ އަޅުގަނޑަށް ހީވަނީ އެކަމަށް އެބޮތްހެން ރިސްކެއް. އެހެންވީމަ ރެގިއުލޭޝަން އެހާ މުހިންމުވަނީ. ހޯމްސްކޫލިނގް ފަށަންޏާ، ރަޖިސްޓްރީއެއްވެސް ބައިނދަންވާނެ. އެމީހުންނަށް ފީއެއްވެސް ނެގިދާނެ. އޭރުން މިކަންތައް ސީރިއަސްކޮށް ނުކުރާން އުޅޭ މީހުންވެސް ތަންކޮޅެއް ފަސްޖެހޭނެ. ރެގިއުލާ ޗެކްސް ކުރަން ޖެހޭނެ. ބައެއް ގައުމުތަކުގަ އެތާކު ހުންނަ ކައުންސިލް ކަހަލަ ތަނަކު ރެޖިސްޓާ ވެގެން ކުރާ ގޮތަށްވެސް އޮވޭ. އެނުއަލް ޓެސްޓިނގްއެއްވެސް ބޭއްވިދާނެ. އޭތި ރަނގަޅަށް ކުރެވިއްޖެއްޔާ ކުދިންނަށް އިހުމާލު ވުމުގެ ފުރުސަތު ކުޑަވާނެ. މޮނިޓަރިނގް އާއި ރެގިއުޭލޭޝަންއާއި އެކުގައި މިކަންތައް ކުރެވޭނީ”

މި ޕެޓިޝަންއަށް މިހާރު ވަނީ 400އަށްވުރެ ގިނަ ސޮއެ ލިބިފައެވެ.

ހޯމްސްކޫލިންގްގެ ވާހަކައަކީ ދިވެހި މުޖުތަމައުގައި އަލަށް ދެކެވޭ ވާހަކައެއް ނޫނެވެ. ތުންތުން މަތިން އިވޭ އަޑު އަޑަށް ބަލާލައިފިނަމަ، ދިވަހި ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ހޯމްސްކޫލިންގް ކޮންމެވެސް ވަރަކަށް އަދި ކޮންމެވެސް ސިފައެއްގައި ކުރެވިފައިވާ ކަމުގައި ވެއެވެ. ނަމަވެސް ސްކޫލަށް ދިޔުން މަޖުބޫރު ކުރިފަހުން އެވާހަކަ އިތުރަށް ދެކެވޭ ތަން ފެނެއެވެ. ހާއްސަކޮށް ޓްވިޓާގައި އެވާހަކަ ދެކެވެއެވެ. ބައެއް މީހުން ފާޅުގައި މިކަމާއި ދެކޮޅު ހަދާއިރު އަނެއްބައި މީހުން މިކަމަށް އެއްބާރުލުން ދެއެވެ.

ކޮންމެ ގޮތެއްވިޔަސް ހުރިހާ އެންމެންވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ގައުމެއްގެ ތައުލީމީ ނިޒާމަކީ އެގައުމެއްގެ ޅަޖީލު ބިނާ ކުރުމުގައި ވަރަށް ބޮޑު ރޯލެއް ކުޅޭ އެއްޗެއް ކަމެވެ. ގައުމުގެ ކުރިމަގު އަލި ކުރުމަށްޓަކައި އެގައުމެއްގެ ތައުލީމީ ނިޒާމު ރަނގަޅު ކުރަންޖެހެއެވެ. ހުރިހާ ބެލެނިވެރިންވެސް އެބައެއްގެ ދަރިންނަށް ލިބޭ ތައުލީމާއި ދޭތެރެ ވިސްނާ ފިކުރުކޮށް ސްކޫލުތަކުގައި ހިނގާ ރަނގަޅު ކަންކަން ފާހަގަ ކޮށް ނުރަނގަޅު ކަމެއްވާނަމަ އެކަމަކާއި ދޭތެރޭގައި ވާހަކަ ދައްކަންޖެހެއެވެ. އަޑު އުފުލަން ޖެހެއެވެ. އަދަށްވުރެ ފަހި މާދަމައަށްޓަކައެވެ.

Ads by Ooredoo
  1. ބޭނުން

    ވަރަށް ރަނގަޅު ކަމެއް..މިހާރު އިތުބާރެއް ނުކުރެވޭ އެހެން ބައެއްގެ އަތްމަށްޗަށް ދަރިން ދޫކޮށްލާކަށް.

  2. މާލޭގައި އިންސާނުން ދިރިއުޅޭ ތަންތަނުގައި ހޯމް ސްކޫލް ތައުލީމް ދެވިދާނެތޯ އެފަދަ ޖާގަ ދިރިއުޅޭ ތަނުގައި އެބަހުރިތޯ، ހޯމް ސްކޫލަކީ މުޖުތަމައު ބައިބައި ކޮށްލާނެ ފަދަ ކަމެއް ! ދަރިން އެކަހެރިވެ މީހުނާއި މުޢާމަލާތް ކުރަންވެސް ނޭގޭނެ، ގިނަ ކުދިންނާއި އެކު އުޅެގެން ގިނަކަންކަން ދަސްވާނީ ! ކުދިންގެ ވިސްނުން ޑިވޮލޮޕްވެ ތޫނުފިލިވާނެ !

    • ނޫނޭ

      އަހަރެމެން ސްކޫލަށް ދިޔައީމަ ދަސްވީ ބިޓު ކަޓުވާށާ ބުލީ ކުރަން..ޓީޗަރުން ވެސް ވަރަށް ކުދިން ތަފާތު ކުރޭ..ސުކޫލު ކަޑަ ހަމަ..ގިނަ މުންކަރާތްތައް އާއްމު ތަނެއް އަދި ދަސްކޮށްދޭ ތަނެއް..