ޕާކިސްތާނާއި އީރާންގެ ޑްރަގް ބޯޓުތަކުން ކަނޑުތައް ފުރިފައި؛ ޖީލެއް ހަލާކުގެ ތެރެއަށް!

ފަޅު ރަށެއްގެ ގޮނޑުދޮށުގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗެވެ. ނޫނީ ގެއެއްގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗެވެ. މި އަހަރު ކޮންމެ މަހެއްގައި ވެސް މިފަދަ ކޮންމެ ވެސް ވާހަކައެއް އަޑުއިވެއެވެ. ފުލުހުން ހިންގާ ކޮންމެ ވެސް އޮޕަރޭޝަނަކުން އަތުލައިގަންނަ މަސްތުވާތަކެތީގެ ވާހަކައެވެ. ނޫނީ ޕޯސްޓް މެދުވެރިކޮށް ގެންނަ މަސްތުވާތަކެއްޗެވެ. މަސްތުވާތަކެތި ރާއްޖެއިން އަތުލައިގަންނަ ވާހަކަ އަބަދުވެސް ދެކެވެއެވެ. ނަމަވެސް ނުދެއްކޭ އެއް ވާހަކައަކީ އެތަކެތި ރާއްޖެ އަންނަ ރޫޓެވެ. އެކަމުގައި ބޮޑަށް ތިބޭ މީހުންނެވެ.
ފަހުގެ ތާރީޚްތަކުގެ މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ ބޮޑެތި ކޭސްތަކެއް ފެންމަތިވިއެވެ. ގދ. ހުޅުވާރުލުގައި ފޮރުވާފައި ހުއްޓާ ފެނުނު 149 ކިލޯ ޑްރަގްސްއާއި ރ. ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ފޮރުވައިފައި 215 ކިލޯގެ މަސްތުވާތަކެތީގެ ކޭސްއަކީ މިދިޔަ ދެ އަހަރެއްގެ ތެރޭގައި ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދި ޚަބަރުތަކެވެ. 2021 ވަނަ އަހަރަށް އެކަނި ބަލާލި ކަމަށް ވިޔަސް ރާއްޖޭން ވެސް ވަނީ މި އަހަރު ކަނޑުމަގުން އެތެރެކުރި 400 ކިލޯއަށް ވުރެ ގިނަ ޑްރަގްސް އަތުލައިގެންފައެވެ. އެއީ އޮކްޓޫބަރު މަހު އަތުލައިގަތް 100 ކިލޯ އާއި 215 ކިލޯގެ އިތުރުން މި މަހު އަތުލައިގަތް 119 ކިލޯގެ ޑްރަގްސްއެވެ.
މި ދުވަސްވަރަކީ ވެސް އެފަދަ ޚަބަރެއް ފެންމަތިވެފައިވާ ދުވަސްވަރެކެވެ. ގދ. ހޯދެއްދޫން ފުލުހުން ހޯދާފައިވާ 82 ކިލޯގެ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ވާހަކަ ދާދިފަހުން މިވަނީ އަނެއްކާވެސް ސުރުޚީއިން ޖާގަ ހޯދާފައެވެ. މިފަދަ އެތައް ވާހަކަތަކެއް މިހެން ހުރުމާއިއެކު ދެން މިދައްކަން ޖެހެނީ، އެންމެންނަށް އިނގޭ ބޮޑު ސިއްރެއްގެ ވާހަކައެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން ފަށާފައި މިވަނީ ހަމައެކަނި އެއަށް އޮންނަ ޑިމާންޑު ބޮޑުވެގެންނެއް ނޫނެވެ. ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން، ންޓަނޭޝަނަލް ޑްރަގް ޓްރެފިކިން ރިންގުތަކުގެ ޓްރާންސިޓް ހަބަކަށް ރާއްޖެ ހަދާފައިވުމުންނެވެ.
މަސްތުވާތަކެތީގެ ވިޔަފާރީގައި ކޮކެއިން އެތެރެކުރާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރަނީ ރާއްޖެއެވެ. ރާއްޖޭގައި ޓްރާންސިޓްވުމަށްފަހު ދެން އެ ދަނީ ސިންގްޕޫރާއި ތައިލެންޑަށެވެ. މިއީ ބޭރުގެ މީޑިއާތަކުން މިކަން ހިނގާ ކަމަށް ރިޕޯޓްކޮށްފައިވާ ގޮތެވެ.
"ދަ ހިންދޫ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނާއި ޕާކިސްތާނުގައި އުފައްދާ މަސްތުވާތަކެތި، އިރާނަށް ގެންގޮސް، ކަނޑު މަގުން ރާއްޖެ އާއި ސްރީ ލަންކާ އަދި އިންޑިއާ އަށް އެ ތަކެތި ސަޕްލައިކޮށް ހަދައެވެ.
ގިނަ ފަހަރަށް އިރާން ނުވަތަ ޕާކިސްތާނުގެ މިފަދަ ޑްރަގް ބޯޓުތައް އައިސް ކައިރި ކުރަނީ ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދާއެވެެ. މިގޮތަށް ކައިރިކުރުމުން، ރާއްޖޭގައި ތިބޭ ޑީލަރުން ކުދި ޑިންގީގައި ގޮސް ޑްރަގް ބަރާކޮށްގެން އައިސް ފަޅު ރަށްރަށުގައި ވަޅުލައެވެ. މިތަކެތި ވަޅުލާފައި ދުވަސްކޮޅަކު ބަހައްޓައެވެ. އެއީ ފުލުހުންނާއި ސިފައިންގެ ރާޑަރަށް ހަރަކާތްތަކެއް ފަޅު ރަށެއްގައި ހިނގާތީ އަރާފާނެތީއެވެ. މިތަކެތި ބަލާ، އިތުރު ބޯޓެއް ރާއްޖޭގެ ކަނޑު ކައިރިއަށް އާދެއެވެ. އެއީ އަސްލު މަންޒިލަށް ޑްރަގްތައް ގެންދާށެވެ. މިގޮތަށް އައުމުން، އަނެއްކާވެސް ކުދި ޑިންގީ ތަކުގައި ގޮސް ޑްރަގްތައް ގެންގޮސްދެއެވެ.
ފުލުހުންގެ ތަފާސް ހިސާބަށް ބަލާއިރު ޑްރަގްގެ އެންމެ ގިނަ ޝިޕްމެޓްތައް އަންނަނީ ރާއްޖޭގެ ދެކުނުންނެވެ. އޭގެ އިތުރުން. މަކުނުދޫ ހުޅަނގުންނާއި އއ. އދ އަދި ބ. އާ ދެމެދުން ވެސް ޝިޕްމެންޓްތައް އާދެއެވެ. އެންމެ ގިނައިން މިފަދަ ޝިޕްމެންޓްތައް އަންނަނީ ގއ. ގދ އަތޮޅު ހުޅަނގުންނާއި އައްޑޫ ދެކުނު ޗެނަލްއިން ކަން ފުލުހުންގެ ތަފާސް ހިސާބުން ދައްކައެވެ.
ރާއްޖެއަށް ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އެތެރެކޮށްފައެވެ. އޭގެ ތެރެއިން ބައެއް ވަނީ ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގެންފައެވެ.
- 2019 ގައި 518 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް.
- 2020 ގައި 384 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް.
- 2021 ގައި 487 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް.
ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑެވެ. ޑްރަގް ރިންގުތަކުން ޓްރެފިކިންއަށް އެންމެ ގިނައިން ބޭނުންކުރަނީ ވެސް ކަނޑުމެގެވެ. ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބަހަލައްޓަން ޖެހޭ މިންވަރަށް ނުބެލެއްހެޓުމުގެ ސަބަބުން އަދިވެސް ރާއްޖެ އޮތީ ނުރައްކަލުުގެ ތެރޭގައެވެ.







ކޮމެންޓް