ޚަބަރު

ވެށިފަހިމާލެ ފްލެޓްތަކުގައި ކުލަލައި، ރެނދު ބެއްދުމުގެ މަސައްކަތް ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ވެށިފަހިމާލެ" ފްލެޓްތަކުގައި ކުލަލުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

މިކަމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ވިދާޅުވީ، ހުޅުމާލޭގެ 1000 (ވެށިފަހިމާލެ) ފުލެޓު މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވިފައިވާ ފުލެޓު ނަންބަރު 83 އިން 112 އަށް އެއްމެދު އިމާރާތްތަކުގެ ބޭރުފާރުގެ ކުލަ އައުކުރުމެގެ މަސައްކަތް މިދިޔަ މަހުގެ 23 ވީ އާދީއްތަ ދުވަހުންފެށިގެން ކުރިއަށްދާ ކަމުގައެވެ.

މި މަސައްކަތުގެ ދަށުން އިމާރާތުގެ ބޭރުފާރާއި، ފުލެޓުތަކުގެ ބެލްކަނީގެ އެތެރެފާރުގައި ކުލަލެވޭނެކަން ފާހަގަކުރައްވައި އެ ކޯޕަރޭޝަނުން ވިދާޅުވީ ފުލެޓުތަކުގެ ރެނދު ބެއްދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.

"މި މަސައްކަތް ހަތަރުމަސް ދުވަސްތެރޭ ނިންމާލެވޭނެ. ކޮންމެ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ އިމާރާތުގެ ފުލެޓުތަކަށް ނޯޓިސް ދެވޭނެ. އަދި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ  ފުލެޓުތަކުން އެ ފުލެޓުތަކުގެ ބެލްކަނީގެ ފާރުގައި ކުލަލުމަށް މަސައްކަތްތެރިންނަށް މަގުފަހިކޮށްދިނުމަކީ އެ ފުލެޓެއްގެ ވެރިފަރާތުގެ ޒިންމާއެއް." އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީން ވަނީ، އިމާރާތުގެ ބޭރު ފާރުގައި ކުލަލުމަށް ގުންގު/ސިޑި ފަދަ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ގަސްމުށި، ހަރު، ފެންސާއި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި އެއްކައިރި ކުރުމަކީ އެތަކެތީގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.

"މީގެއިތުރުން، ނުނަގާ ނުވަތަ ނުގެންގޮސް ހުންނަ ތަކެއްޗަކީ ބޭނުންނެތިގެން ދޫކޮށްލައިފައިވާ ތަކެތި ކަމަށް ބަލައި، އެތަކެއްޗާއިމެދު މި ކޯޕަރޭޝަނުން ފެންނަގޮތަކަށް އަމަލުކުރުމުގެ އިހުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވޭ. އަދި މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ތަކެއްޗާއި، މި ކޯޕަރޭޝަނުގެ ހުއްދައާއި ނުލާ ހައްދާފައިވާ ގަސްތައް ހިމެނޭ ގޮތަށް މިކޯޕަރޭޝަނުން އެއްކައިރި ކުރުމުގެ ތެރޭގައި އެތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާނުވާނެ." އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީން ވިދާޅުވި ގޮތުގައި، މި މަސައްކަތަށް އާއްމުންގެ އެއްބާރުލުން ބޭނުންވެއެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!