ކުޅިވަރު

އެމްއައިބީ ކަޓުވާލުމަށްފަހު، ޕޮލިހުން ކުއާޓާގެ ޖާގައެއް ހޯދައިފި

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަ ޕޮލިސް ކްލަބުން ހޯދައިފިއެވެ.

Ads by Sosun Fihaara

ޕޮލިހުން ކުއާޓާގެ ޖާގައެއް ހޯދީ އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު "ގްރޫޕު އޭ"ގެ މެޗުގައި އެމްއައިބީ ބަލިކޮށްގެންނެވެ.

އެ މެޗުގައި އެމްއައިބީ އަތުން ޕޮލިސް މޮޅުވީ 1-2 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު ޕޮލިހުން ގެންދިޔައީ 2-4 ފްރޭމުންނެވެ. ދެވަނަ ގޭމު 1-4 ފްރޭމުން ޕޮލިހުން ގެންދިޔަ އިރު، ފަހު ގޭމު 4-1 ފްރޭމުން ގެންދިޔައީ އެމްއައިބީއެވެ.

ޓީމް އިވެންޓުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ދިރާގު އަތުން އެމްއެންޑީއެފް މޮޅުވީ 1-2 ގޭމުންނެވެ. ރައީސް އޮފީސް އަތުން 1-2 ގޭމުން އެމްޑަބްލިޔުއެސްސީ މޮޅުވި އިރު، ސްޓެލްކޯ އަތުން އެމްޓީސީސީ މޮޅުވީ ސީދާ ތިން ގޭމުންނެވެ. އެ މެޗުތަކާއެކު ގްރޫޕު ސްޓޭޖުގެ މެޗުތައް ވަނީ ނިމިފައެވެ.

ކުއާޓާގައި ވާދަކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް ގަދަ ހަތަރު ޓީމެވެ. "ގްރޫޕު އޭ" އިން ކުއާޓާގެ ޖާގަތައް ހޯދީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްއެންޑީއެފް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި ޕޮލިސް ކްލަބެވެ. "ގްރޫޕު ބީ" އިން ކުއާޓާގެ ޖާގަތައް ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެމްޓީސީސީ އާއި އެމްޑަބްލިޔުއެސްސީ އަދި ސްޓެލްކޯއެވެ.

ޓީމް އިވެންޓުގެ ކުއާޓާގެ މެޗުތައް މިއަދު ކުރިއަށްދާނެއެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެމްއޭސީއެލް އާއި ސްޓެލްކޯއެވެ. ކުއާޓާގެ ދެވަނަ މެޗުގައި އެމްޓީސީސީ އާއި ކަސްޓަމްސް ބައްދަލުކުރާ އިރު، ކުއާޓާގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ އެމްއެންޑީއެފް އާއި އެމްޑަބްލިޔުއެސްސީއެވެ. އަދި ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ އެމްޕީއެލް އާއި ޕޮލިހެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!