އަންހެނަކު ޕާކެއްގެ ސްލައިޑެއްގައި ތާށިވުމުން، 62 ކިލޯ ލުއި ކޮށްލައިފި
25 އަހަރުގެ ސާރާ ލޮކެޓް އޭނާގެ ދަރިފުޅުގެ ކުރިމަތީގައި ސްލައިޑެއްގައި ތާށިވުމުން 62 ކިލޯ ލުއިކޮށްފިއެވެ. އޭނާއަކީ މީގެ ކުރިން 114 ކިލޯ ބަރުދަން ހުންނަ އަންހެނެކެވެ.
ކާޓާސް ނިއުސްއަށް އޭނާ މި ވާހަކަ ކިޔައިދެމުން ބުނީ އޭނާގެ ދަރިފުޅު އެކަނި ސްލައިޑަށް އަރަން ބިރު ގަތުމުން އޭނާ އޭނާގެ ދަރިފުޅާއެކު ސްލައިޑަށް އެރީ ކަމަށެވެ. އެކަމަކު އޭނާ ވަކި ހިސާބަކުން އެ ސްލައިޑުގައި ތާށިވެ ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. ދެން އޭނާގެ ފިރިމީހާ ޖެހުނީ އޭނާ އެ ސްލައިޑުން ބާލުއްވާށެވެ.
މިހެން ކަންތައް ދިމާވުމުން އޭނާއަށް މިކަން ހަނދާނުން ފިލުވައިލަން ދަތިވިއެވެ. އަދި އޭނާ ނިންމީ އޭނާގެ ދިރިއުޅުމަށް ރަނގަޅު ބަދަލު ގެނައުމަށެވެ.
ދެ ކުދިންގެ މަންމަ ކަމުގައިވާ ސާރާ ނިންމީ ގޭސްޓްރިކް ސްލީވް ސާޖަރީ ހެދުމަށެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ބަރުދަން އިތުރު ވާން ފެށީ އޭނާ މާބަނޑުވުމުންނެވެ. އެދުވަސްވަރު އޭނާ ކެއުން އިތުރުކޮށް ލުއި ކާނާ ކެއުމާއި އަދި ބައެއް ދުވަސްދުވަހު ދެ ފަހަރު ރޭނގަޑުގެ ކެއުންވެސް ކާންފެށީއެވެ. މިކަމުގެ ސަބަބުން އޭނާ ބުނަނީ އޭނާގެ ބަރުދަން ވަރަށް މައްޗަށް ދިޔައީ ކަމަށެވެ.
އޭނާ ބުނާގޮތުގައި ކުރިން އޭނާ ދުވާލަކަށް 3000 ކެލޮރީ ހިމެނޭ ކާއެއްޗެހި ބޭނުންކުރިއެވެ. އެކި ވައްތަރުގެ ފޮނި ތަކެއްޗާއި ބާގާ ފަދަ ތަކެތިވެސް ކައި އުޅުނެވެ.
ޕާކުގައި ދިމާވި ހާދިސާއަށް ފަހު އޭނާ ނިންމީ ކަސްރަތު ކޮށްގެންނާއި ކެއުމަށް ބަލައިގެން ބަރުދަން ލުއި ކުރާށެވެ. ނަމަވެސް އޭނާއަށް ފަހުން އެނގުނީ އޭނާގެ ގައިގައި ޕީސީއޯއެސް ހުރިކަމެވެ. މީގެ ސަބަބުން ބަރުދަން ލުއިކުރަން އުނދަގޫވުމުން އޭނާ ނިންމީ ސާޖަރީއަކަށް ދާށެވެ.
ސާޖަރީއަށް ފަހުގައި އޭނާ ކަސްރަތުކޮށް އަދި ސިއްޙަތަށް ފައިދާވާ ކާނާ ކާން ފެށިއެވެ. މިހާރު ސާރާގެ ބަރުދަނަކީ 53 ކިލޯއެވެ.
އޭނާ ހެނދުނު ސަޔަށް ބޭނުން ކުރަނީ ބިހުގެ ހުދުކެނި، ޓޮމާޓޯ އަދި ސްޕިނަޗްއެވެ. އަދި މެންދުރު ކެއުމަށް އޭނާ ބޭނުންކުރަނީ ކުޑަ މިންވަރެއްގެ ބަތް ކޮޅާކާ، ސްޓީމްޑް ތަރުކާރީ އާއި މިންސްޑް ޓާކީއެވެ. އަދި ރޭގަނޑު ކެއުމަށް ޗިކަން ނޫނީ ޑިނގާ ބޭނުންކޮށްގެން ހަދާ ލެޓިއުސް ރެޕްވެސް ކައި އުޅެއެވެ.