ކުޅިވަރު ފުޓްބޯޅަ

އިންސްޓަގްރާމްގައި 500 މިލިއަން ފޮލޮވަރުން ހަމަވި ފުރަތަމަ މީހަކަށް ރޮނާލްޑޯ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ މިވަނީ އަނެއްކާވެސް ދުނިޔޭގެ ރެކޯޑެއް ޤާއިމުކޮށްގެން ނޫސްތަކުގެ ފަލަ ސުރުޚީއިން ޖާގަ ހޯދައިފައެވެ.

Ads by STELCO

އޭނާ މިވަނީ ސޯޝަލް ނެޓްވޯކިންގ ސައިޓުކަމަށްވާ އިންސްޓަގްރާމްގައި 500 މިލިއަން ފޮލޮވަރުން ހަމަވި ފުރަތަމަ މީހާއަށްވެފައެވެ.

އޭނާ މިފަހުން ޚަބަރުތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދީ  ޔޫކޭގެ ސަންގެ ޕްރެޒެންޓަރު ޕިއާސް މޯގަންއަށް ދިން ވަރުގަދަ އިންޓަވިއުއިންނެވެ. މި އިންޓަވިއުގައި އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓެޑުގެ މެނޭޖަރު ޓެން ހެގްއާއި އަދި އެ ކުލަބުގެ ކުރީގެ ކުޅުންތެރިޔެއްކަމަށްވާ ވޭން ރޫނީއަށްވެސް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.

މި އިންޓަވިއުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުންތައް ރޮނާލްޑޯއަށް އަމާޒުވި ކަމުގައި ވިޔަސް އޭނާ މިވަނީ އޭގެ ފަހުން އިންސްޓަގްރާމްގައި އޭނާ ފޮލޯ ކުރާ މީހުން ގިނަވެ، 500 މިލިއަން ފޮލޮވަރުން ހަމަވި ފުރަތަމަ މީހާއަށްވެސް ވެފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ މީހުން ފޮލޯ ކުރާ މިހަކީ ރޮނާލްޑޯއާ އެންމެ ގާތުން ވާދަކުރާ ފުޓުބޯޅަ ކުޅުންތެރިޔާ މެސީއެވެ. އޭނާގެ 376 މިލިއަން ފޮލޮވަރުން އެބަތިއްބެވެ.

މި ދެ މީހުންނަކީވެސް އިންސްޓަގްރާމްގެ ޓޮޕް 10 އެންމެ ފޮލޮވަރުން ގިނަ މީހުންގެ ލިސްޓުގައި ހިމެނޭ ހަމައެކަނި ކުޅިވަރު ކުޅުންތެރިންނެވެ.

ޕިއާސް މޯގަން ވަނީ ވަގުތުން ރޮނާލްޑޯއަށް ޓުވިޓާގައި މި ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.

ރޮނާލްޑޯއަށް ކިތަންމެ ގިނަ ފާޑުކިޔުމެއް އަމާޒުވެގެން ދާ ކަމުގައި ވިޔަސް، އޭނާގެ އިންސްޓަގްރާމް ފޮލޮވިންއިންވެސް ހާމަ ވެގެން ދަނީ އޭނާ އަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބިގެންވާ ކުޅުންތެރިއެއްކަމެވެ.

ރޮނާލްޑޯ މިހާރު ތައްޔާރުވަމުން ދަނީ ވޯލްޑް ކަޕްގައި އޭނާގެ ޤައުމު ޕޯޗުގަލް ތަމުސީލުކުރުމަށެވެ. ގްރޫޕް އެޗްގައި ހިމެނޭ ޕޯޗުގަލް ބައްދަލު ކުރާނީ ގާނާ، އުރުގުއެއި، އަދި ސައުތު ކޮރެއާއާއެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!