އެގްރިގޭޓްގައި 7-1 ގެ ބޮޑު ތަފާތަކުން ޗެލްސީ ލަދު ގަންނަވާލުމަށްފަހު ބަޔާން ކުއާޓާއަށް
ރޮބާޓް ލެވަންޑޮސްކީގެ ހިތްގައިމު ދެގޯލާއިއެކު ރޭ ޗެމްޕިއަންސްލީގުގެ ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކް އިން ކުރި ހޯދައިފިއެވެ. ރޭގެ މެޗުގައ 4-1 ގެ ނަތީޖާއަކުން ޗެލްސީ އަތުން ބަޔާން މޮޅުވުމާއެކު އެގްރިގޭޓްގައި 7-1 ގެ ބޮޑު ތަފާތަކުން ބަޔާން މިވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ.
މެޗުގައި ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީވެސް ބަޔާނުންނެވެ. މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ލިބުނު ޕެނަލްޓީއެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮބާޓް ލެވަންޑޮސްކީއެވެ.
މި ގޯލަށް ފަހުވެސް ބަޔާނުން ދިޔައީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާ ތަކެއް ފޮނުވާލަމުންނެވެ. ނަތީޖާއަކަށްވީ މެޗުގެ 24 ވަނަ މިނެޓުގައި އިވާން ޕެރިސިކްގެ ގޯލަކާއެކު ބަޔާނުން ލީޑު ފުޅާ ކުރުމެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީ އިންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ ގޯލެއް ކާމިޔާބު ކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް ޓަމީ އަބްރަހަމްއެވެ. މި ގޯލް އޭނާ ކާމިޔާބު ކޮށްދިނީ މެޗުގެ 44 ވަނަ މިނެޓުގައެވެ
މި މެޗުގައި ބަޔާނުން ޖެހި 3 ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުމަށް ނިކުތް ކުޅުންތެރިޔާ ކޮރެންޓިން ޓޮލިސޯ އެވެ.ލެވަންޑޮސްކީ ނަގައިދިން ހުރަހަކުން ހިތްގައިމު ވޮލީއެއް ގޯލް ތެރެއަށް ފޮނުވާލާ މި ލަނޑު އޭނާ ކާމިޔާބު ކޮށްދިނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މެޗުގައި ބަޔާންއިން ޖެހި 4 ވަނަ ގޯލްވެސް ކާމިޔާބު ކޮށްދީފައިވަނީ ރޮބާޓް ލެވަންޑޮސްކީއެވެ. މި ގޯލް އޭނާ ޖެހީ މެޗުގެ 82 ވަނަ މިނެޓުގައެވެ.
ލެވަންޑޮސްކީ ވަނީ މި މެޗުގައި 2 އެސިސްޓުކޮށް 2 ގޯލް ޖަހައިދީފައެވެ. މި ސީޒަނުގައި ލެވަންޑޮސްކީގެ މޮޅު ކުޅުމެއް ދަނީ ފެންނަމުންނެވެ. ސީޒަނުގައި ކުޅުނު 44 މެޗުގައި ލެވަންޑޮސްކީވަނީ 54 ގޯލް ކާމިޔާބު ކޮށްދީފައެވެ. އަދި 8 އެސިސްޓްވެސް ކޮށްދީފައި ވެއެވެ. މިސީޒަނުގައި ބެލޮންޑޯ ލެވަންޑޮސްކީއަށް ހައްގު ކަމުގައި ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ޗެމްޕިއަންސް ލީގުން ޗެލްސީ ކަޓާފައިވާއިރު ޗެލްސީ ބަލިވެފައި މިވަނީ އެގްރިގޭޓްގައި 7-1 ގެ ބޮޑު ތަފާތަކުން ކަން ފާހަގަ ކުރެވެއެވެ.
ބަޔާން ކުއާޓާގައި ވާދަ ކުރާނީ ބާސެލޯނާ އާއިއެވެ.