ދުނިޔެ

ފަޤީރު މީހަކާ ކައިވެނި ކުރުމުން، ދަރިފުޅު މަރާލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މައިންބަފައިންގެ ފަރާތުން ދަރިންނަށް އަނިޔާ ލިބުމަކީ މަދުން ހިނގާ ކަމެކެވެ. ތިމާ ނިސްބަތްވާ ޤައުމާއި ނަސްލު ތަފާތު ވިޔަސް، އިންސާނުންގެ އިތުރުން، ދިރޭތަކެތީގެ ތަބީޢަތުގައި ލައްވާފައިވާ އެއްކަމަކީ އަމިއްލަ ދަރިން ދެކެ ލޯބިވުމެވެ.

Ads by Sosun Fihaara

ކަންމިހެން ހުރިއިރު، މަދުން ނަމަވެސް، މައިންބަފައިންގެ ސަބަބުން ދަރިންނަށް  ހިތާމައާ ހިތްދަތިކަން ކުރިމަތިލާން ޖެހެއެވެ. އަދި ދަރިންގެ ޤާތިލުން ކަމުގައިވެސް، ބައެއް ފަހަރު ވަނީ އެ މައިންބަފައިންނެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި އުމުރުން 21 އަހަރުގެ އަންހެން ކުއްޖަކު މިވަނީ އޭނާގެ މައިންބަފައިންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ، ދުނިޔެ ދޫކޮށްފައެވެ. އޭނާއަށް ކުރެވުނު ކުށަކަށްވީ ފަޤީރު ޢާއިލާއެއްގެ މީހަކާ ކައިވެނި ކުރެވުމެވެ. އަދި އެމީހާއާ ކައިވެނި ކުރުމަށް ޢާއިލާއިން ދެކޮޅު ހެދުމުން، ނާންގައި، ގެއިން ނުކުމެގެން ދުވަސްކޮޅަކަށް ދިޔަ ދިޔުމެވެ.

މައިންބަފައިންނާ ދެމެދު ހިނގި ހޫނު ޒުވާބަކަށްފަހުގައި، އަޔޫޝީ ޔަދަވް، މަރައިލީ މިދިޔަ ހުކުރު ދުވަހު، އޭނާގެ ބައްޕަ ބަޑިން ހަމަލާ ދީގެންނެވެ. އަޔޫޝީ މަރައިލުމަށްފަހު، އޭނާގެ ބައްޕަ ވަނީ އުއްތަރު ޕްރަދޭޝްގެ މަތޫރާ އަވަށުގައި ހުންނަ ޔަމުނާ އެކްސްޕްރެސްވޭއަށް، ދަރިފުޅުގެ ހަށިގަނޑު ދަބަހަކަށްލައި އެއްލައިލަފައެވެ.

ފުލުހުންނަށް އަޔޫޝީގެ ޢާއިލާއަށް މި ތުހުމަތު ކުރެވުނު މައިގަނޑު ސަބަބަކީ، އަޔޫޝީ ގެއްލިގެން އޭނާގެ ޢާއިލާއިން ރިޕޯޓް ނުކުރުމެވެ.

މި މައްސަލައާ ގުޅިގެން އަޔޫޝީގެ މަންމައާ ބައްޕަވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!