ރިނބިދޫން ބޮޑު ބޮލިވަޅެއް ފެނިއްޖެ

ދ.ރިނބިދޫން ބޮލިވަޅެއް މިއަދު ފެނިއްޖެއެވެ.
އިހުޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުންކުރި ގިނަ ޢަދަދެއްގެ ބޮލި، ފެނުނު މި ވަޅު ހުރީ އެ ރަށުގެ ދެކުނު ފަރާތުގައެވެ.
އެ ރަށު ކައުންސިލުން ވިދާޅުވީ ބޮލިވަޅު ފެނިފައިވަނީ ފެނާއި ނަރުދަމާ އެޅުމަށް ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދު ކޮނުމުގެ ތެރޭގައި ކަމަށެވެ.
ބެލެވޭ ގޮތުގައި މިއީ ވަރަށް ކުރީ ޒަމާނެއްގައި މި ސަރަހައްދުގައި ވަޅުލާފައިވާ ބޮލިތަކެއް.
ބޮލިވަޅު ފެނުމާއެކު ކައުންސިލުން ވަނީ އެކަން ހެރިޓޭޖް މިނިސްޓްރީގެ ސަމާލުކަމަށް ގެންނަވައިފައެވެ. އެ ގޮތުން މިނިސްޓަރު ޔުމްނާ މައުމޫން ވަނީ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ބޮލިވަޅު ފެނުނުކަމުގެ މައުލޫމާތު ރިނބުދޫ ކައުންސިލުން ހެރިޓޭޖް މިނިސްޓްރީއާ ހިއްސާކޮށްދެއްވިކަމަށްޓަކައި ޝުކުރު ދަންނަވަން. މި ކަމުގައި މިނިސްޓްރީގެ ލަފަޔާ އެއްގޮތަށް ކައުންސިލުން އަމަލު ކޮށްދެއްވުން އެދެން.
މިނިސްޓަރު ޔުމްނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓްރީން ދެއްވާފައިވަނީ ކޮންކަހަލަ ލަފައެއްކަމެއް ޓުވީޓުގައި އެ ކަމަނާ ވިދާޅެއްނުވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ރިނބިދޫން މި ގޮތަށް ފެނުނު ދެވަނަ ބޮލިވަޅެވެ.