ސީރިއާގައި ތިބި ދިވެހިންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދެއްވުން އެދި ރައީސަށް ސިޓީއެއް
ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް އެކަށީގެންވާ އަވަސްމިނުގައި ނިންމެވުމަށް ގޮވާލައްވައިި މޯލްޑިވްސް ނެޝަނަލް ޕާޓީން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުވައިިިފިއެވެ.
އެމްއެންޕީން މިއަދު ނެރުުނު ބަޔާނެއްގައި ބުނެފައިވަނީ ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ދިވެހިން ބޭތިއްބުމަށް ހަދާ ޚާއްސަ މަރުކަޒު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ނިންމައި އެ ފަރާތްތައް ރާއްޖެ ގެނެވޭނެ ކަމަށް 19 ސެޕްޓެމްބަރު 2019 ގައި ރައީސް ޞާލިޙް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ޢަމަލީ ސިފަ ގެނައުމުގެ އެއްވެސް ކަމެއް ސަރުކާރުން ކުރިއަށް ނުގެންދަވާ ކަމަށާއި، މަދަދަށް އެދި ފޮނުވާ އާދޭސްތަކަށް އެކަށީގެންވާ ޖަވާބެއް ނުދެއްވާ ކަމަށް، ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި އުޅެންޖެހިފައިވާ ފަރާތްތަކުގެ ޢާއިލާއިން އެ ޕާޓީއަށް މަޢުލޫމާތުދީފައިވާކަމަށް އެމްއެންޕީން ބުންޏެވެ.
އަދި ސީރިއާގައި ރެފިއުޖީންނަށްވެފައިވާ ދިވެހިން ރާއްޖެ ގެނައުމުގައި ސަރުކާރުން މަދަދުވެރި ނުވެ، އެއް މުއައްސަސާއިން އަނެއް މުއައްސަސާގެ ބޮލުގައި މިކަމުގެ ޒިންމާ އަޅުވައި، މިފަދަ މޭރުންތަކުން، އެ ފަރާތްތަކަށް ޖަވާބުދީ، މިކަމުގެ ޒިންމާއިން މުއައްސަސާތައް ރެކެން މަސައްކަތްކުރަމުންދާ ކަމަށް އެ އާޢިލާތަކުން ދެކޭކަމަށް ވެސް އެމްއެންޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ދިވެހިންގެ ތެރެއިން ބަޔަކު އުޅެންޖެހި، އެ ފަރާތްތަކަށް ރާއްޖެ ނާދެވި ގިނަ ދުވަސްތަކެއް ވެފައިވާތީ މޯލްޑިވްސް ނެޝަނަލް ޕާޓީން އެ ފަރާތްތަކާ އެ ފަރާތްތަކުގެ ޢާއިލާތައް ތަހައްމަލު ކުރަމުންދާ ހިތާމައިގާ ބައިވެރިވެ، ކަންބޮޑުވުން ފާޅުކޮށް، އެ ފަރާތްތަކުގެ ކެކުޅުންތަކަށް އަވަސް ހައްލެއް ގެނެސްދެއްވުން އެދި ސަރުކާރަށް ގޮވައިިލަން.
އެމްއެންޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލައަކީ ޚާއްސަ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެވަޑައިގެން ސީރިއާގައި ތިބި ދިވެހި ދަރިން ރާއްޖެ ގެނައުމުގެ މަސައްކަތް އެކަށީގެންވާ އަވަސްމިނުގައި ނިންމެވުމަށާއި، އެ މީހުން ގެނައުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތާބެހޭ ސައްހަ މަޢުލޫމާތު އެ ޢާއިލާތަކުގެ މެންބަރުންނާ ހިއްސާކުރައްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށް މިދިޔަ މަހުގެ 27 ގައިި ސިޓީއަކުން ހުށަހަޅާފައިވާ ކަމަށެވެ.