ދުނިޔެ

ޓިކްޓޮކްއިން ޖާސޫސް ކުރާ ކަމަށްބުނެ އެމެރިކާގައި އެޕް ބޭން ކުރުމަށް މަޖިލީހަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓިކްޓޮކަކީ ޗައިނާއިން ޖާސޫސްކުރަން ބޭނުންކުރާ އެޕެއްކަމަށް ބުނެ، އެމެރިކާގައި ޓިކްޓޮކް ބޭންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

އަންގާރަ ދުވަހު ރިޕަބްލިކަން ޕާޓީގެ ސެނެޓަރ މާރކޯ ރުބިއޯ ވަނީ ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަނެއްކަމަށްވާ ޓިކްޓޮކް އެމެރިކާގައި ބޭންކުރުމަށް ގޮވާލައި، ޕާޓީތަކުން ގުޅިގެން ޤާނޫނެއް ފާސް ކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާފައެވެ.

އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި މި އެޕްލިކޭޝަނަކީ ޗައިނާއިން އެމެރިކާއަށް ސްޕައި ކުރުމަށް ބޭނުންކުރާ އެޕްލިކޭޝަނަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.

މާރކޯ ރުބިއޯގެ ފަރާތުން ނެރުއްވި ބަޔާނަކާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤާނޫނުގެ ދަށުން ޗައިނާ އަދި ރަޝިއާގެ ބާރު ހިނގާ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކެއް އެ ޤައުމުގައި ބޭނުންކުރުން މަނާ ކުރެވިގެންދާނެއެވެ. އެގޮތުން ރިޕަބްލިކަންގެ މެމްބަރެއްކަމަށްވާ މައިކް ގަލަގާރްއާއި، ޑިމޮކްރަޓިކް މެމްބަރެއްކަމަށްވާ ރާޖާ ކްރިޝްނަމޫތީ ވަނީ މިހާރު އެކަމާ ގުޅޭ ބިލު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްއަށް ހުށަހެޅުމަށް ސްޕޮންސަރު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ޓިކްޓޮކްގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މިއީ ޕާޓީތަކުން ގުޅިގެން ކުރިއަށްގެންދާ ސިޔާސީ މަސައްކަތެއް ކަމަށާއި، ޓިކްޓޮކްގެ ސަބަބުން އެ ޤައުމުގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަން ނުވަތަ ނޫންކަންވެސް ބަލައި ކަށަވަރު ކޮށްފައިނުވާ ކަމަށެވެ.

މިއީ އެމެރިކާގެ ޤައުމީ ސަލާމަތަށް ވިސްނައިގެން ނިންމާފައިވާ ނިންމުމެއް ނޫންކަން ތަރުޖަމާނު ފާހަގަ ކުރެއްވިއެވެ.

މި ބިލުގެ މަސައްކަތް ފެށިފައިމިވަނީ ފާއިތުވި ހަފްތާތަކުގައި އެމެރިކާގެ ވޮޝިންޓަންގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ނިހާޔަތަށް މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

2020 ވަނަ އަހަރު އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައިވެސް ޓިކްޓޮކް މަނާ ކުރުމުގެ މަސައްކަތްތަކެއް ފެއްޓެވިއެވެ. ނަމަވެސް ކޯޓު މަރުޙަލާއިން ކުރިއަށްދިޔަ ކަންކަމުގެ ތެރެއިން އެ މަސައްކަތް އޭރު އޮތީ ހުއްޓިފައެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރުމަށް އެޤައުމުގެ ސަރުކާރުން ދޫކޮށްފައިވާ މޯބައިލް ފޯނުތަކުން ސޯޝަލް މީޑިޔާގެ މަޝްހޫރު އެޕްލިކޭޝަން ޓިކްޓޮކް ބޭނުންކުރުން މިހާރުވެސް މަނަލެވެ. އެގޮތުން ޓިކްޓޮކް ބޭނުންކުރުން މަނާކުރީ ސައިބަރ ސެކިޔުރިޓީއަށް ނުރައްކާވާ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން އޭރު އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނޭވީގައި ބޭނުންކުރުމަށް ސަރުކާރުން ދޫކޮށްފައިވާ މޯބައިލް ފޯނުތަކުން ޓިކްޓޮކް ރިމޫވް ނުކޮށްފިނަމަ، އެ ފޯނު ބޭނުންކުރާ މީހުން ނޭވީ މެރިންގެ އިންޓްރާނެޓުން ބްލޮކްކޮށްލާނެ ކަމަށެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން ގެ ސްޕޯކްސްމަން ލެފްޓިނެންޓް ކާނަލް އޫރިއާ އޯރލެންޑް ވިދާޅުވެފައިވަނީ، މިއީ މިހާރު ފެންމަތިވެފައިވާ އަދި ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ޓިކްޓޮކް އަކީ އެމެރިކާގެ ފުރާވަރުގެ ކުދިންގެ މެދުގައި މަޤުބޫލު އެޕްލިކޭޝަނެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!