ދުނިޔެ

މޯދީއާ ޕޫޓިންގެ ފޯން ކޯލެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޔޫކްރެއިންގެ މައްސަލަ ހައްލުކުރުމަށް އޮތް ހަމައެކަނި މަގަކީ ވާހަކަތަކުގައި މަޝްވަރާއާ ޑިޕްލޮމެސީގެ މަގުން ކުރިއަށް ދިޔުން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

Ads by WAMCO

މޯދީ މިފަދައިން ވިދާޅުވެފައިވަނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓީންއާ ފޯނު މެދުވެރިކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދެ ލީޑަރުންގެ މެދުގައި ދެކެވުނު ވާހަކަފުޅުގައި ޕޫޓިން ވަނީ ޔޫކްރެއިންއާ ރަޝިއާއާ ދެމެދު ހިނގަމުން އަންނަ ކަންކަމާއި، އެ ޤައުމާމެދުގައި ރަޝިއާއިން ގެންގުޅޭ ސިޔާސަތު، މޯދީއަށް ތިލަ ކޮށްދެއްވާފައެވެ.

މީގެއިތުރުން، ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

"ރަޝިޔާ-އިންޑިއާ ޕްރިވިލެޖްޑް ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ މައްޗަށް ބިނާކޮށް ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ވަރުގަދަ އެއްބާރުލުމާމެދު ހިތްހަމަޖެހުން ފާޅުކުރައްވަމުން، ދެޤައުމުގެ ދެމެދުގައި އިންވެސްޓްކުރުމާއި، ހަކަތައާއި، ދަނޑުވެރިކަމާއި، ދަތުރުފަތުރުގެ ދާއިރާއާއި، ލޮޖިސްޓިކްސްގެ ދާއިރާއިން ޢަމަލީ ގޮތުން އެއްބާރުލުން ލިބޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން ވަރަށް ތަފްޞީލުކޮށް މަޝްވަރާކުރެއްވި" ކްރެމްލިންއިން ވިދާޅުވިއެވެ.

މިއީ މިއަހަރު ދެ ބޭފުޅުން ފޯނުން ގުޅުއްވި ފަސް ވަނަ ފަހަރެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިންގައި ހަމަނުޖެހުން ފެށުނު ފަހުން، އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކީ އޭގެ މަހެއްހާ ދުވަސް ފަހުން މާޗް 2 އަދި 7 ގައެވެ. ދެން ޖުލައި 1 ވަނަ ދުވަހު އެވެ. އަދި ސެޕްޓެމްބަރު މަހު ބޭއްވި އެސްސީއޯ ސަމިޓްގެ ހަވާސާގައި އުޒްބެކިސްތާނުގެ ސަމަރްކަންދުގައި ވެސް އެ ބޭފުޅުން ވަނީ ވަކީން ބައްދަލުވުމެއް ބާއްވައިފައެވެ.

އެއީ ކާބޯތަކެއްޗާއި ތެލާއި ފާޓިލައިޒަރުގެ ދުނިޔޭގެ ސަޕްލައި ޗެއިންތައް ހުޅުވާފައި ބެހެއްޓުމަށް ޓަކައި ޔޫކްރެއިންގައި ހިނގަމުންދާ ހަރުކަށި ޢަމަލުތައް ހުއްޓާލުމަށް ބާރު އަޅުއްވައި، މޯދީ ޕުޓިންއަށް "މިއަދުގެ ޒަމާނަކީ ހަނގުރާމައިގެ ޒަމާނެއް ނޫން" ކަމަށް ވިދާޅުވި ފަހަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!