ދަރިފުޅަށް ކާން ދޭން 500 ރުޕީސްއަށް އެދުމުން ލިބުނީ 5 މިލިއަން ރުޕީސް
ދަރިފުޅަށް ކާންދޭން އަތުގައި ފައިސާ ނެތުމުން 500 ރުޕީސް ދިނުމަށް އެދުނު އިންޑިއާގެ ކެރެލާގެ އަންހެނަކަށް 5.5 މިލިއަން ރުޕީސް ލިބިއްޖެއެވެ.
45 އަހަރުގެ ސުބަދްރާ ވަނީ އޭނާގެ ފިރިމީހާ މަރުވުމަށްފަހު އުޅެން ޖެހުނު ދަތި ޙާލުގެ ސަބަބުން ދަރިފުޅަށް ކާނެ އެއްޗެއް ދޭނެ ވަރަށް ފައިސާ ނެތުމުން، އެ ދަރިފުޅުގެ ސްކޫލު ޓީޗަރު ކައިރީގައި 500 ރުޕީސް ދަރަންޏަށް ދިނުމަށް އެދިފައެވެ. އޭނާގެ މި ޙާލަތުގެ ސަބަބުން ހިތަށް އަސަރުކޮށް މި ޓީޗަރު ވަނީ އިންޓަނެޓުގައި ސުބަދްރާއަށް ފައިސާ ހޯދުމަށް އެދިފައެވެ.
މި އަަހަރުގެ އޮގަސްޓް މަހުގައި އޭނާގެ ފިރިމީހާ ނިޔާވުމުގެ ސަބަބުން ސުބަދްރާ މިހައިތަނަށްވެސް އުޅުނީ ވަރަށް ދަތި ހާލުގައެވެ. އޭނާގެ ތިން ދަރިން ތެރެއިން އެންމެ ހަގަށް ހުންނަ ކުއްޖާއަކީ އުފެދުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށްވުމުން އޭނާއަށް އެ ކުއްޖާ ދޫކޮށްފައި ވަޒީފާއަކަށްވެސް ދެވޭކަށްނެތެވެ.
މިދިޔަ ހުކުރު ދުވަހު އޭނާގެ ދަރިންނަށް ކާން ދޭނެ އެއްވެސް އެއްޗެއް ނެތުމުން އޭނާގެ ދެވަނައަށް ހުރި ދަރިފުޅުގެ ޓީޗަރުކަމަށްވާ ގިރިޖާ ހަރީކުމާރު ގާތުގައި 500 ރުޕީސް ދިނުމަށް އެދުނީއެވެ. ގިރިޖާ ބުނި ގޮތުގައި އޭނާގެ ދަރިވަރުގެ ބައްޕަ ނިޔާވި ޚަބަރު އޮގަސްޓު މަހު ލިބުމާއެކުވެސް އެއްވެސް އެހީތެރިކަމެއް ބޭނުމިއްޔާ އޭނާ ގާތުގައި ބުނުމަށް އެދުނު ކަމަށެވެ. އެހެންނަމަވެސް މި ފަހަރަކީ އެ އާއިލާއިން އެހީއަށް އެދުނު ފުރަތަމަ ފަހަރު ކަމުގައި ގިރިޖާ ބީބީސީއަށް ދިން އިންޓްވިއުގައި ކިޔައިދިނެވެ.
"އަހަރެން ހަމަ އެވަގުތު ދިނިން އޭނާ އަތަށް 1000 ރުޕީސް. ދެން ބުނިން އަހަރެން އަދި އިތުރު އެހީއެއް ވެދެވޭތޯ ބަލާނަމޭ" ގިރިޖާ އިންޓަވިއުގައި ކިޔައިދިނެވެ.
އެދުވަހު ގިރިޖާ އެމީހުންގެ ގެޔަށް ގޮސް ބަލައިލިއިރު ގޭގެ ހާލަތު ފެނިފައި މަދު ފައިސާ ކޮޅަކުން އެމީހުންނަށް އެހީ ނުވެވޭނެކަން އޭނާއަށް ވިސްނުނެވެ. އެހެންވެ، އޭނާ ފޭސްބުކްގައި ސުބަދްރާއަށް އެހީވުމަށް ޕޯސްޓެއް ޖަހައި، އެ ޕޯސްޓުގައި ފައިސާ ޓްރާންސްފަރ ކުރުމަށް ސުބަދްރާގެ އެކައުންޓް ނަންބަރު ޖެހިއެވެ.
މި ޕޯސްޓް ޖެހިތާ މާ ގިނަ އިރެއް ނުވެ، އެތައް ބަޔަކު ފައިސާ ހަދިޔާކޮށް ޖުމުލަ 5.5 މިލިއަން ރުޕީސް ސުބަދްރާގެ އެކައުންޓަށް ޖަމާވިއެވެ.
މި ފައިސާއިން ބައެއް އޭނާގެ ފިރިމީހާ ހަދަން ފަށާފައިވާ ގެ ނިންމުމަށް ޚަރަދު ކުރުމަށް ނިންމައިފައިވާއިރު، ބާކީ ބައި އާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށް އެކައުންޓްގައި ބެހެއްޓުމަށް ސުބަދްރާ ނިންމިއެވެ.