ސަބްޔަސާޗީގެ ޓޯޓް ދަބަހަށް އިންޓަނެޓްގެ މަލާމާތް

އިންޑިއާގެ މަޝްހޫރު ފެޝަން ބްރޭންޑް ސަބްޔަސާޗީއިން ލޯންޗް ކުރި ޓޯޓް ދަބަސްތަކަށް އިންޓަނެޓްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ވަރަށް ގިނަ މަޝްހޫރު ފަންނާނުންވެސް ބޭނުންކުރާ މި ބްރޭންޑުން އަލަށް ނެރުނު ޓޯޓުތަކުގެ ފޮޓޯތައް ސަބްޔަސާޗީއިން ވަނީ އެމީހުންގެ އިންސްޓަގްރާމް ޕޭޖުގައި އިއްޔެ ހިއްސާ ކޮށްފައެވެ.

ޕޯސްޓްތައް ހިއްސާ ކުރުމާއެކުގައި، ވަރަށް ގިނަ ބައެއް ދިޔައީ މި ދަބަސްތަކަށް ފާޑުކިޔަމުންނެވެ. އެގޮތުން ދަބަސްތައް ފަރުމާ ކޮށްފައި ހުރި ޑިޒައިންއަށް ބައެއް މީހުންގެ ތައުރީފު ލިބުނު ކަމުގައި ވިޔަސް، ގިނަ ބައެއް ދިޔައީ ދަބަހުގެ ސައިޒަށްވެސް ފާޑުކިޔަމުންނެވެ.
އާންމުކޮށް ބޭރަށް ނުކުންނައިރު އަޅާ ސައިޒެއްގައި މި ދަބަސް ނެތުމަކީ ވަރަށް ގިނަ ބައެއްގެ ޝަކުވާ ރައްދުވި އެއްކަމެވެ. އެގޮތުން ބައެއް މީހުން ވަނީ މި ދަބަސް، ދިރުއުޅޭ ގެ ބަދަލުވާއިރު ސާމާނު ބަދަލުކުރަން ގެންގުޅެން ހެޔޮވަރުވާނެ ކަަމަށް ބުނެވެސް ހަޖޫ ޖަހައިފައެވެ.
"ސަބްޔަސާޗީއިން ނެރުނު ދަބަހަށް އަންހެނުންނަން އެމީހުންގެ މޭކަޕާއި، ހެދުންތަކާއި، ފައިވާނާއި، އެންޒައިޓީއާއި، ސްޓްރެސްއާއި، ޅަ ދަރިންވެސް ލެވޭނެ." މި ދަބަހަށް މަލާމާތްކުރުމުގެ ގޮތުން އެކަކު ޓްވިޓާގައި ލިޔެފައިވެއެވެ.
މިހާރަކަށް އައިސް ފެޝަނުގެ ނަމުގައި ފާޑުފާޑުގެ ޕްރޮޑަކްޓުތައް އަންނަނީ ކުންފުނި ތަކުން ހަދަމުންނެވެ.
މިފަދަ ތަކެއްޗަށް ގިނަ ފަހަރު ފާޑުކިޔުން ރައްދު ވިޔަސް، މި އެއްޗެހި ކަމުދާ މީހުންވެސް މަދެއްނޫނެވެ.