އެމްޕީއެލް ބަލިކޮށް އެމްއޭސީއެލުން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދައިފި
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހޯދައިފިއެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން އެމްއޭސީއެލުން ހޯދީ ރޭ ކުޅުނު ފައިނަލުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށްގެންނެވެ.
ފައިނަލުގައި އެމްޕީއެލް އަތުން އެމްއޭސީއެލް މޮޅުވީ 2-1 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 6-1 ފްރޭމުން އެމްއޭސީއެލުން ގެންދިޔަ އިރު، ދެވަނަ ގޭމު 2-6 ފްރޭމުން ގެންދިޔައީ އެމްޕީއެލްއެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު ތިންވަނަ ގޭމު އެމްއޭސީއެލުން ގެންދިޔައީ 6-5 ފްރޭމުންނެވެ.
އެ މުބާރާތުގައި އިއްޔެ ވަނީ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ސިންގަލްސް ފައިނަލު ވެސް ކުޅެފައެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލުގައި 6-4 ފްރޭމުން އެމްޕީއެލްގެ މުހައްމަދު ދުންޔާޒް ބަލިކޮށް ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލްގެ އިސްމާއިލް ސުވައިދުއެވެ. އަދި އަންހެން ޑިވިޝަނުގެ ފައިނަލުގައި 6-2 ފްރޭމުން އެމްއެންޑީއެފްގެ އާއިޝަތު ޒީނާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ އާމިނަތު ހަލީމް (ދިލް) އެވެ.
މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރިއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.
އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅުނެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރި އިރު، ޖުމްލަ 44 މެޗެއް ކުޅުނެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅެފައިވެއެވެ.