ޚަބަރު

ކޮންޓްރެކްޓްގައި ސޮއިނުކޮށް ހުރި މަޝްރޫއުތައް މިއަހަރު ނުފަށާނެ: އަސްލަމް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ސަރުކާރުން މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށް ގެންދާނީ ކޮންޓެރެކްޓްގައި ސޮއިކޮށްފައިވާ މަޝްރޫޢުތައް އެކަނިކަމަށް ޕްލޭނިން، އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަސްލަމް މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން އަސްލަމް ވިދާޅުވީ މިވަގުތު ކޮންޓެކްޓްގައި ސޮއިނުކުރެވި ހުރި މަޝްރޫޢުއެއްވާނަމަ އެ މަޝްރޫޢުތައް މިއަހަރު ފެށެން ނެތްކަމަށާއި، އެމަޝްރޫޢުތައް ކުރިއަށްގެންދެވޭނީ ދައުލަތުގެ ބަޖެޓުން ޖާގަ ލިބުމުން ކަމަށެވެ. އެހެންކަމުން މިވަގުތު ސޮއިކޮށްފައިވާ ކޮންޓްރެކްޓް ތަކުގައި ހިމެނޭ މަޝްރޫޢުތައް ޕްލޭން ކުރެވިފައިވާގޮތަށް ކުރިއަށްދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ބަޖެޓްގައި ހިމަނާފަ ކޮންޓެރެކްޓްގަ ސޮއިކުރެވިފައިނުވާ މަޝްރޫޢުތައް މިވަގުތު ކުރިއަށް ގެންދެވޭކަށް ނެތް. ބަޖެޓުން ޖާގަ ލިބިގެން ނޫންގޮތަކަށް ފައިނޭންސް އެރޭޖުމަންޓެއް ހެދިގެން ނޫންގޮތަކަށް ފެށޭކަށް ނެތް. ނަމަވެސް ބަޖެޓްގައި ހިމަނާފަ ކޮންޓެރެކްޓްގައި ސޮއިކުރެވިފައިވާ މަސައްކަތެއްނަމަ ކުރިއަށްދާނެ." އަސްލަމް ވިދާޅުވިއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 37.8 ބިލިއަން ރުފިޔާގެ ބަޖެޓްގައި، ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 10.45 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި 2.2.ބިލިއަން ރުފިޔާގެ މަޝްރޫޢުއަކީ މުޅިން އަލަށް ފަށާ މަސައްކަތްތެކެވެ. މިއަހަރު ހިންގުމަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރުޢޫތަކުގެ ތެރެއިން ގިނަ މަޝްރޫޢުތަކަކީ ޓެންޑަރ މަރްޙަލާ ނިމިފައިވާ މަޝްރޫޢުތައް ކަމަށް ވެސް މިނިސްޓަރ އަސްލަމް ކުރިން ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!