ފައިސާގެ ނޫޓުތަކުން ކޮރޯނާ ވައިރަސް ފެތުރިދާނެކަމުގެ ބިރު ބޮޑުވެއްޖެ
ރުފިޔާ ނޫޓުތަކުން ކޮރޯނާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާ ޑަބްލިޔުއެޗްއޯ އިން ދީފިއެވެ. ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ކޮރޯނާ ވައިރަހުގެ އަސަރު ހުރި ނޫޓުތަކުން މި ބަލި ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެންމެ ރައްކާތެރި ގޮތަކީ ކޭޝްލެސް ޕޭމަންޓްސް ހެދުން ކަމުގައެވެ.
ފައިސާގެ ނޫޓެއްގައި ކޮރޯނާ ވައިރަސް ހަރުލައިފިނަމަ ތިން ދުވަހަށް ވުރެ ގިނަ ދުވަހު ވައިރަސް އޭގައި ހަރުލައި ހުންނާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ފައިސާ ގެންގުޅުމަށް ފަހު ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއެވެ.
ކުރިން ވެސް ފައިސާ މެދުވެރިކޮށް ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ޝައްކުކުރެވުނެވެ. ހޯމަ ދުވަހުގެ ރޭ ޑަބްލިޔުއެޗްއޯ އިން ވަނީ މިކަން ކަށަވަރު ކޮށްދީފައެެވެ. ޑަބްލިޔުއެޗްއޯ އިން އިތުރަށް ބުނި ގޮތުގައި ޗައިނާގައި ހަލުވި ކަމާއެކު ވައިރަސް ފެތުމުގައި ވެސް ފައިސާ ނޫޓުތައް ބޮޑު ދައުރެއް އަދާކޮށްފައިވެއެވެ.
ކޮރޯނާ ވައިރަަހަށް ވެކްސިން ހެދުމުގެ މަސައްކަތް ޑޮކްޓަރުންނާއި ސައިންޓިސްޓުން މެދުނުކެނޑި ކުރަމުން އަންނައިރު މި ބަލިން ރައްކާތެރިވުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ރައްކާތެރިކަމުގެ މާސްކު ބޭނުން ކުރުމެވެ.