ދީން

ސުލައިމާން އާލް-ރަޖުޙީގެ ވާހަކަ: ފައިސާއެއް ނެތް އެންމެ ބޮޑު މަހުޖަނު

ދެން އެމްވީ ، ދެން އޮންލައިން

ސުލައިމާން އާލް-ރަޖުޙީ އަކީ ފައިސާއެއް ނެތް އެންމެ ބޮޑު މަހުޖަނެވެ. ފައިސާ ނެތް މަލްޓި މިލިއަނަރެކެވެ.

Ads by MWSC

"އަހަރެންގެ ކަންބޮޑުވުމެއް ނެތް، އަހަރެންނަށް އިޙުސާސް ކުރެވެނީ މިނިވަންކަން، ދޫންޏެއް ފަދައިން (އުދުހިލާ އުޅެވޭ) މިނިވަންކަން ...، މާތްރަސްކަލާނގެ ހަޟުރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަހު ޖެހިލުމެއް ނެތި އެ ކަލާނގެ ހަޟުރަތަށް ޖަވާބުދާރީ ވެވޭނެ".

ސައުދީ ޢަރަބިއްޔާގެ ސިޓީއެއް ކަމުގައިވާ އާލް-ޤަޞީމް ގައި ހައްދާފައިވާ ދެ ލައްކައަށްވުރެ ގިނަ ކަދުރު ރުކުގެ ބަގީޗާ ، އޭނާ ވަނީ މާތްﷲގެ މަގުގައި ހަދިޔާ ކޮށްފައެވެ. މި ތަނުގައި ތަފާތު 45 ވައްތަރުގެ ކަދުރު ހިމެނޭއިރު، މި ބަގީޗާއިން އަހަރަކު ދިހަހާސް ޓަނުގެ ކަދުރު ލިބެއެވެ. މި ކަދުރު ރުކުގެ ބަގީޗާއަކީ މި ބިންމަތީގައިވާ އެންމެ ބޮޑު ވަފުގު ފަންޑެވެ. މި ކަދުރުރުކުގެ ބަގީޗާއިން ލިބޭ އާމުދަނީއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރެވެއެވެ. ހިލޭ ސާބަހަށް ކުރެވޭ މަސައްކަތްތަކަށް ހޭދަކުރެވެއެވެ. މައްކާއާއި، މަދީނާގައިވާ މާތްވެގެންވާ ދެ ހަރަމުގައި ރޯދަ ވިއްލުން އިންތިޒާމު ކުރެވެއެވެ.

މި ބަގީޗާއަކީ ސައުދީ އަރަބިއްޔާގެ އެންމެ މުއްސަދި މީހާ "ސުލައިމާން އާލް-ރަޖުޙީ" މާތްﷲގެ މަގުގައި ކޮށްފައިވާ ހަދިޔާއެކެވެ.

ފަގީރު ކަމުން މުއްސަދިކަމަށް ކުރި ދަތުރު

ސުލައިމާން އާލް-ރަޖުޙީ ދުނިޔެއަށް އުފަންވީ ފަގީރުކަމުގެ ތެރެއަށެވެ. އޭނާ ސްކޫލަށް ގޮސް އުނގެނުނެވެ. އެއް ދުވަހަކު ސުކޫލުން އިންތިޒާމުކުރި ދަތުރެއްގައި ބައިވެރިވާން ކޮންމެ ދަރިވަރަކު އެއް ރިޔާލު ހޯދަން ސުކޫލުން އެންގިއެވެ. މީނާ ގެއަށް ގޮސް މިވާހަކަ މީނާގެ ބެލެނިވެރިންނަށް ހުށަހެޅިއެވެ. ނަމަވެސް އެ ބެލެނިވެރީންގެ އަތުގައި އެއް ރިޔާލުގެ ކުޑަ މިންވަރެއް ވެސް ނެތެވެ. ކުރިޔަށް ރޭވިފައި އޮތް ދަތުރުގައި ބައިވެރި ނުވެވިދާނެ ކަމަށްޓަކައި ކަންބޮޑުވެ މީނާ ވަރަށް ބޮޑަށް ރޮއި ހިތާމަ ކުރިއެވެ. އެއީ އަހަރުގެ ކިޔެވުމުގެ އިމްތިހާނު ނިމި ނަތީޖާ ލިބުނު ދުވަސްވަރެވެ. މީނާއަށް މުޅި ކުލާހުގެ އެއްވަނަ ލިބުނެވެ. ހޯދި ކާމިޔާބީގެ ޝަރަފުގައި މީނާއަށް ކިޔަވައިދޭ ފަލަސްތީނުގެ މުދައްރިސް އެއް ރިޔާލު ހަދިޔާ ކުރިއެވެ. މި ރިޔާލު ލިބުމުން ބާރަށް ދުވެ ގޮސް، ދަތުރު އިންތިޒާމުކުރާ ފަރާތާ މި ރިޔާލު ހަވާލު ކުރިއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ކިޔެވުން ނިންމާ ދިރިއުޅުމުގެ ޢަމަލީ މަސައްކަތަށް ސުލައިމާން އާލް-ރަޖުޙީ ނިކުތެވެ. ޖިއްދާގެ ކުޑަ ތަންކޮޅެއްގައި ބޭންކެއް ހުޅުވައި ޒުވާން ވިޔަފާރިވެރިއެއްގެ ގޮތުގައި ރަޖުޙީ ބުރަކޮށް މަސައްކަތް ކުރަން ފެށިއެވެ. މާތްﷲ މި މަސައްކަތުގައި ބަރަކާތް ލެއްވިއެވެ. ކުރު މުއްދަތެއްގެ ތެރޭގައި "އާލް-ރަޖުޙީ" ބޭންކް ސައުދީ ޢަރަބިއްޔާގެ ކަންކޮޅުތަކުގައި ފަތުރާލިއެވެ.

ސުލައިމާން އާލް-ރަޖުޙީ އޭނައަށް ކިޔަވައިދިން ފަލަސްތީނުގެ މުދައްރިސް ހޯދަން ނިކުތެވެ. މުދައްރިސާ ބައްދަލުވިއެވެ. ރިޓަޔާ ކޮށްފައިވާ މުދައްރިސްގެ ދިރިއުޅުމުގެ ހާލަތު ހުރީ އަމިއްލަ ގޭގެ އުނދުން ރޯ ކޮށްލެވެން ނެތްހާ ދަށްކޮށެވެ. ސުލައިމާން އާލް-ރަޖުޙީ އޭނަގެ ކާރަށް މި މުދައްރިސް އެރުވިއެވެ. އަދި ބުންޏެވެ. އަހަރެންނަށް ތިބާ ކޮށްދިން ހެޔޮކަންތައް ދުވަހަކުވެސް ހަނދާން ނައްތައި ނުލާނަމެވެ. އަބަދުވެސް ހަނދާން ކުރާނަމެވެ. މުދައްރިސް ހިތަށް އެރިއެވެ. އެއްވެސް މީހަކު ފަގީރަކަށް އެފަދައިން އެހީވާނީ ކިހިނަކުން ހެއްޔެވެ. ބޭނުން ޖެހުނު ދުވަހު ފަލަސްތީނުގެ މުދައްރިސް، ރަޖުޙީއަށް ދިން އެއް ރިޔާލުގެ ވާހަކައިން ރަޖުޙީ އެ ހަނދާން އާކުރިއެވެ. މުދައްރިސް ހިނިތުންވުމާއެކު ބުންޏެވެ. ތިބާ ތިޔަ އުޅެނީ އެ ދުވަހު އަހަރެން ތިބާއަށް ދިއްކޮށްލި އެއް ރިޔާލުގެ ބަދަލު ދޭން ހެއްޔެވެ؟ ރަޖުޙީގެ ކާރު ގޮސް މަޑުކޮށްލީ ފުރިހަމައަށް ހަދާފައިވާ ބަނގަލޯއެއްގެ ކުރިމައްޗަށެވެ. އެ ބަނގަލޯގެ ކުރިމަތީގައި އަގު ބޮޑު ކާރުތައް ޕާކުކޮށްފައި ހުއްޓެވެ. ސުލައިމާން އާލް-ރަޖުޙީ ބުންޏެވެ. މި ބަނގަލޯއާއި ކާރުތަކަކީ މިއަދުން ފެށިގެން މުދައްރިސްގެ ތަކެއްޗެވެ. މީގެ ފަހުން މުދައްރިސްގެ އެންމެހައި ޚަރަދުތަކަށް ޒިންމާވާނީ އަހަރެންނެވެ. މުދައްރިސް އުފަލުން ގޮސް ލޮލުން ކަރުނަ ހިލުނެވެ. އަދި ބުންޏެވެ. މި ފުރިހަމަ ބަނގަލޯއާއި، އަގުބޮޑު ކާރުތަކަކީ އަހަރެންނާ އެކަށީގެންވާ ވަރަށްވުރެ މާ ގިނައެވެ. ރަޖުޙީ ބުންޏެވެ. އެ ދުވަހު މުދައްރިސް ދެއްވި އެއް ރިޔާލު ލިބުމުން އަހަރެން ވީ އުފާ މިއަދު މުދައްރިސް ތިޔަވީ އުފަލަށްވުރެ މާބޮޑެވެ.

ރަޖުޙީގެ މުއްސަދި މިލްކިއްޔާތު ހަދިޔާ ކުރުން

2010ވަނަ އަހަރު ސުލައިމާން އާލް-ރަޖުޙީ އޭނާގެ ދަރީންނާއި، އަނބީންނާއި، ގާތްތިމާގެ މީހުން އެއްކުރިއެވެ. އަދި އޭނާގެ މުއްސަދި މިލްކިއްޔާތު މި އެންމެގެ މެދުގައި ބަހައި ހުސްކޮށްލިއެވެ.
މިވަގުތު ސުލައިމާން އާލް-ރަޖިޙީގެ ވަގުފުގެ އަގަކީ 60 ބިލިއަން ރިޔާލެވެ.

މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެގެން އުޅޭ ކޮރޯނާ ވައިރަސް ބައްޔަށް ފަރުވާ ހޯދުމަށް އެހީތެރިވުމުގެ ގޮތުން އޭނަގެ އަމިއްލަ ސައުދީ ކުންފުންޏާއި، އާލް-ރަޖްހީ ބޭންކުން 170 މިލިއަން ރިޔާލް ހަދިޔާކުރިއިރު މާތް ވެގެންވާ މައްކާގައި ހުރި އޭނާގެ ދެ ހޮޓާ ވަނީ ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތަށް ދީފައެވެ.

ދުނިޔޭގެ ރެކޯޑް ފޮތުން

ސުލައިމާން އާލް-ރަޖުހީގެ ކަދުރު ރުއް ބަގީޗާވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.
ފޯރބްސް މެގަޒިންގައި ސުލައިމާން އާލް-ރަޖުޙީއަކީ ދުނިޔޭގެ 20ވަނައަށް އެންމެ ބޮޑަށް މީހުންނަށް އެހީތެރިވެދޭ ފަރާތްކަމަށް ލިސްޓްކުރެވިފައި ވެއެވެ. ސުލައިމާން އާލް-ރަޖުޙީގެ ބައިގުރޮފީ ކިޔާލުން މުހިންމެވެ.
2011 ވަނަ އަހަރު ދުނިޔޭގެ މުއްސަދީންގެ ލިސްޓްގެ 169 ވަނައިގައި އޮތީ ސުލައިމާން އާލް-ރަޖުޙީ އެވެ.
މީގެ އިތުރުން ސުލައިމާން އާލް-ރަޖުޙީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމިކް ބެންކަށް ފަންޑު ކުރެއެވެ. އަދި މެދުއިރުމަތީގައި ހުރި އެންމެ ބޮޑު ކުކުޅު ފާމް "އަލް-ވަތަނިޔާ ޕޯލްޓްރީ" އަކީ މީނާގެ ތަނެކެވެ.

އާލް-ރަޖުޙީގެ އާއިލާގެ އެހީތެރިކަމާއެކު މިސްކިތެއް، ދީނަށް ގޮވާލާ މަރުކަޒެއް ނެތް އަވަށެއް ސައުދީ އަރަބިއްޔާއިން ނުފެންނާނެއެވެ. ހަމަ އެހެންމެ އޭނާގެ އެހީ ނުލިބޭ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތެއް އެގައުމުގައި ނެތެވެ.

އަދި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މަސް ނިމުމުގެ ކުރިން އާލްރަޖްޙީގެ 1.5 މިލިއަން މުވައްޒަފުންނަށް ކޮންމެ މަހަކު ވެސް މުސާރަ ދޭކަމެވެ.

ސުލައިމާން އާލް-ރަޖުޙީއާ ކުރެވުނު އިންޓަވިއުއެއްގައި އޭނާ ބުނެފައިވެއެވެ.

"ވާރިސުންނަށް ބޭނުންވާ މިންވަރު ދިނުމަކީ މުހިންމު ކަމެއް، އެމީހުން ހަމަޖެހިގެން އެކަކު އަނެކަކަށް އެހީތެރިވަމުން އުފަލުގައި އުޅޭތަން ދުށުމަކީ އަދި އެހައިމެ މޮޅު ކަމެއް. އެއާއެކު މިކަމުގެ މުހިންމުކަމާއި ހެޔޮނަސީބުން ޤައުމާއި މުޖުތަމަޢަށް މިކަމުގެ ބަދަލު ލިބޭނެ. އަހަރެމެންގެ ކާމިޔާބު އަހަރެމެން ޤައުމަށް ހޭދަކުރުމުން އަހަރެމެންނަށް ކުރިއެރުން ލިބޭ، ރައްޔިތުން އަހަރެމެންނަށް އިތުބާރުކޮށް އަހަރެމެންނާއެކު ވިޔަފާރި ކުރޭ. ތިބާގެ އަމިއްލަ ނަފުސަށާއި، ތިބާގެ އާއިލާއަށް ވެވުނު ވަރަކުން ތިބާ އެހީވުމަކީ ދުނިޔެ ދޫކޮށް ދާ ދުވަހަށް ހަމައެކަނި ރައްކާ ކުރެވޭ އެއްޗަކަށް ވާނެ."

ސުވާލު ކުރެވުނެވެ. ސުލައިމާން އާލް-ރަޖުޙީގެ މުއްސަދިކަމުގެ އެއްބައި އާއިލާއަށް އަދި އަނެއްބައި ހިލޭސާބަހަށް ހޭދަ ކުރުމަށްފަހު އަމިއްލަ ޚަރަދުތައް ހަމަޖެއްސުމަށް އޮތީ ކޯއްޗެއްތޯއެވެ؟ ގެއެއް ހެއްޔެވެ؟ފާމެއް ހެއްޔެވެ؟ މުސާރަ ހެއްޔެވެ؟

އުފާވެރި ހިނިތުންވުމަކުން ހިނިތުން ވެލާފައި ޖަވާބު ދިނެވެ. "އެކައްޗެއް ވެސް ނެތެވެ. އަހަރެންގެ ޢުމުރު މިހާރު ހިނގަނީ އައްޑިހައިގެ އަހަރުތަކުގައެވެ. އަހަރެން ބޭނުން ވާނީ ވެސް ކޯއްޗެއް ހެއްޔެވެ؟ އެހީގެ ބައިން އަހަރެންގެ ބިލްތަކަށް ފައިސާ ދައްކައެވެ. ދިރިއުޅޭނެ ތަނާއި، ކާނާއާއި، ބޭސްފަރުވާ އަދި ދަތުރުފަތުރު ފުރިހަމައަށް ހަމަޖައްސައިދެއެވެ. މި ކަންތައްތަކަށް އަހަރެން ބޭނުން ކުރަނީ އެންމެ މަދު މިންވަރެވެ.

ސުވާލު ކުރެވުނެވެ. އެއްވެސް ފައިސާއެއް ނެތް މަލްޓި މިލިއަނަރެއްގެ ގޮތުގައި ކުރެވެނީ ކޮން އިހުސާސެއް ހެއްޔެވެ؟ އަނެއްކާ ވެސް ހިނިތުން ވެލާފައި ޖަވާބު ދިނެވެ. "އަހަރެންގެ ކަންބޮޑުވުމެއް ނެތް، އަހަރެންނަށް އިޙުސާސް ކުރެވެނީ މިނިވަންކަން، ދޫންޏެއް ފަދައިންނެވެ...، މާތްރަސްކަލާނގެ ހަޟުރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަހު ޖެހިލުމެއް ނެތި އެ ކަލާނގެ ހަޟުރަތަށް ޖަވާބުދާރީ ވެވޭނެ، އެއީ ކޮންފަދަ އުފަލެއް".

މި ލިޔުމަކީ އިސްމާޢިލް ޢަލީ އޭނާގެ ފޭސް ބުކް ޕޭޖްގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.

ނޯޓް: މިއީ ފޭސްބުކް ޕޭޖު USA Muslims ގައި 29 ޖުލައި 2020 ދުވަހު ޝާއިޢު ކޮށްފައިވާ އިނގެރޭސި ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ. މި ލިޔުން ދިވެހި ބަހަށް ތަރުޖަމާކޮށް ގެނެސްދިނުމުގެ ބޭނުމަކީ އިސްމާޢިލް ޢަލީއަށް ލިބިފައިވާ ކުޑަ މިންވަރުގެ ޢިލްމުން ތިބާއަށް އެހީވުމެވެ. މިލިޔުން ކިޔައިގެން އެއްވެސް މީހެއްގެ ދުނިޔަވީ ނުވަތަ އުޚުރަވީ ހަޔާތަށް ހެވެއް ލިބުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!