ސިވިލް ކޯޓުގެ ގާޒީ ފައްޔާޒުގެ ސުލޫކީ މައްސަލައެއް ބަލަނީ

ސިވިލް ކޯޓުގެ ގާޟީ އަލްއުސްތާޒު ފައްޔާޒް ޝާޠިރުގެ ސުލޫކީ މައްސަލައެއް ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭސްސީ) އިން ނިންމަވައިފިއެވެ.
އެ ކޮމިޝަނުން ވިދާޅުވީ، ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މައްސަލައިގެ ޙުކުމް ނުކޮށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށްގެންދިޔުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ތުހުމަތުކޮށް އެކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާ، އެއީ ޤާޟީ ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް 2023 ޖަނަވަރީ އަށެއްވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދެ ވަނަ ޖަލްސާގައި ނިންމާފައި ވާކަމުގައެވެ.
ޖޭއެސްސީން ވިދާޅުވީ، މި ޝަކުވާ ތަޚްޤީޤު ކުރުމަށް އެކޮމިޝަނުން މިހާރު ކޮމިޓީއެއް ވަނީ އެކުލަވާލާފައި ވާކަމުގައެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ޖޭއެސްސީން ނުދެއްވައެވެ. އެ ކޮމިޝަނުން ވަނީ މީގެ ކުރިންވެސް، ފަނޑިޔާރުންގެ ގިނަ މައްސަލަތަކެއް ބައްލަވައިފައެވެ.