އާންމުވި ވީޑިއޯއިން ފެންނަނީ ސިހުރު ހަދާފައިވާތަކެތި ނަގާ މަންޒަރު ކަމަށް ބުނެފި

ފޭސްބުކްގައި އިއްޔެ އާންމު ވީޑިއޯއިން ފެންނަނީ ހެންވޭރު ސަހަރާގައި ވަޅުލާފައިހުރި ސިހުރު ހަދާފައިވާ އެއްޗެހިތަކެއް ނަގާ މަންޒަރު ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.
ހެންވޭރު ސަހަރާ ކޮންނަ މަންޒަރު ފެންނަ ވީޑިއޯ އާންމު ވުމުން، ގިނަ މީހުން ތުހުމަތު ކޮށްފައިވަނީ މަހާނަ ކޮނެގެން މިނިކަށި ނަގާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ސިޓީ ކައުންސިލުންގެ މުވައްޒަފެއްގެ ހާޒިރުގައި ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
އެކަމާ ގުޅިގެން މާލެސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ، ހެންވޭރު ސަހަރާއިން ނެގީ މިނިކަށި ނޫން ކަމަށެވެ.
އަދި އެއީ ސިހުރު ހަދާފައި ވަޅުލާފައިހުރި ފިލާކޮޅުތަކެއް ކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިކަމުގައި އުޅެފައިވާ މުވައްޒަފަށް ފިޔަވަޅު އަޅަން އަންގާފައިވާ ކަމަށެވެ.