އިންޑިއާ މުސްލިމުންގެ މައްސަލާގައި ނަޝީދު ދެކިލައްވާ ގޮތައް އަލީ ހުސައިން ގޮން ޖައްސަވައިފި
އަވަށްޓެރި އިންޑިއާގައި މުސްލިމުންނާ މެދު އަމަލުކުރަމުންދާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކިލައްވާ ގޮތައް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ގޮން ޖައްސަވައިފިއެވެ.
ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނަން ނިންމާފައިވާއިރު އެ މައްސަލާގައި ރާއްޖެ ތަމްސީލުކުރާނީ އިންސާނީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ވަކީލެއްކަމަށްވާ އާމާލް ކްލޫނީ ކަމަށް ނަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ މި ވާހަކައަށް ރައްދު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ އިންޑިއާގައި ހިންދޫއިންގެ ޝިކާރައަކަށް ވަމުންދާ މުސްލިމުން ސަރުކާރުގެ ދިވެހިސަރުކާރުގެ ސަމާލުކަން ބޭނުންވާ ކަމަށެވެ. އަދި އިންޑިއާ އަކީ ރާއްޖެއާ ހުރިހާ ގޮތަކުން ވެސް ކައިރި ގައުމަކަށް ވުމުން މި މައްސަލާގައި އަހަރެމެންނަށް އަޑު ނުއުފުލެންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި އަލީ ހުސައިން ވިދާޅުވީ އިންސާފު ހޯދައިދިނުމުގައި ރާއްޖެއިން ވަކި ބަޔަކު ހިޔާރުކޮށްގެން ނުވާނެ ކަމަށެވެ. އަދި ކަޝްމީރު މައްސަލައާ މުސްލިމުންގެ ރަށްވެހިކަން ގެއްލޭ ގޮތައް އިންޑިއާ އިން ފާސްކޮށްފައިވާ ޤާނޫނުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ.
"ރަށްވެހިކަމުގެ ގާނޫނު ކިޔާލުމުން އެނގެނީ މި ގާނޫނަކީ ވަރަށް ތަފާތުކުރުން ގިނަ ގާނޫނެއްކަން. މީގެ މުސްލިމުންނާ ދެކޮޅަށ ްހިންގާ ހަމަނުޖެހުންތަކާ ގުޅިގެން ދިއްލީ ފުލުހުންނާ ސުވާލުކުރިތާ މާގިނައިތުރަކެއް ބުނެ ސީނިއާ ޖަޖް(މުރަލިދަރް) ޓްރާންސްފާ ކުރުމަކީ އިންޑިއާގެ ޖުޑީޝިއާރީގެ މިނިވަންކަމާމެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް." އަލީ ހުސައިންއާ ހަވާލާދީ ދަ ހިންދޫގައި ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާ އަކީ ރާއްޖޭގެ ގާތް ރަހުމަތްތެރިއެއް ކަމަށް ވުމުން ރައްޔިތުންނާ މެދު ހަމަހަމަކޮށް ކަންތައް ކުރުމަށް އިންޑިއާގެ ކިބައިން ރާއްޖެ އެދުމަކީ ރާއްޖޭގެ ޒިންމާއެއް ކަމަށް އަލީ ހުސައިން ވިދާޅުވެފައި ވެއެވެ.
ނަޝީދު މީގެ ކުރިން ވަނީ ކަޝްމީރު މައްސަލައަކީ ގައުމުގެ ދާހިލީ މައްސަލައެއް ކަމަށް ވިދާޅުވެ ސަރުކާރެކޭ އެއްގޮތަށް މި މައްސަލާގައި ކޮމެންޓު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
އަލީ ހުސައިންގެ ހައިސިއްޔަތާ މެދު ދަ ހިންދޫ އިން ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އަލީ ހުސައިން އަކީ ޑޮމޮކްރަސީގައި އަރާހުންނެވި އެކްޓިވިސްޓެއް ކަމަށެވެ.
ދަ ހިންދޫއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ނަސްލީ ތަފާތުކުރުންތަކަކީ އެއްވެސް ގައުމެއްގައި ހިނގައިގެން ނުވާނެ ކަމެއް ކަމަށާއި އިންޑިއާ ކަހަލަ ޑިމޮކްރެޓިިކް ގައުމެއްގައި މި މައްސަލަ ހައްލުކުރެވެން ވާނެ ކަމަށެވެ.
"ދިނީ ހައްދުފަހަނައަޅައި ދިއުމަކީ ދުނިޔޭގެ ގިނަ ހިސާބުތަކުގައި ސިޔާސީ މަޝްރަހުގައި ހިންގާ ވަރަށް ދެރަ ކަމެއް. މިއީ ނަސްލުގެ ނުވަތަ ދީނުގެ މައްސަލައެއް ނޫން. މިއީ އެއް އިންސާނަކު އަނެއް އިންސާނަކާމެދު ބޭ އިންސާފުން ކަންތައް ކުރުން. މިކަމުގެ ތެރެއަށް ދީން ވެއްދުން ރަނގަޅެއް ނޫން." ނަޝީދު ވިދާޅުވިއެވެ.