އެމެރިކާގެ އަސްކަރިއްޔާއިން މިދިޔަ ހަފުތާގައި އެޓްލާންޓިކް ކަނޑު ތެރެއަށް ވައްޓާލި ޗައިނާގެ ސްޕައި ބެލޫންގެ ބައިތައް ފުރަތަމަ ފަހަރަށް އެމެރިކާއިން ދައްކާލައިފިއެވެ. އެމެރިކާގެ ނޭވީން އަންގާރަ ދުވަހު ވަނީ، ކަނޑުތެރޭން ބެލޫންގެ ބައިތައް ނަގާތަން ފެންނަ ފޮތޯތަކެއް ހާމަކޮށްފައެވެ. އަދި ވައިޖަހާ ކަހަލަ ލުއި ލޯންޗުތަކާއި ކަނޑު އަޑީގެ ޑްރޯންތައް ބޭނުންކޮށްގެން ނޭވީ ސިފައިން ގެންދަނީ ބެލޫންގެ ހުރިހާބައިތައް ހޯދައި ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. ދުއިސައްތައެއްހާ ފޫޓު އުސް ބެލޫންގައި، ސެންސަރ ހަރުކޮށްފައިވާ ބޮޑު ޕެކޭޖެއް އަޅުވާފައިވާކަމަށްވެއެވެ. މި ޕެކޭޖްގެ ބޮޑުމިން ކުޑަ ޖެޓެއްވަރު ވާކަމަށް އެމެރިކާގެ ނޮދަރން ކޮމާންޑްގެ ވެރިޔާ ޖެނެރަލް ގްލެން ވިދާޅުވެފައިވެއެވެ.
ޗައިނާއިން ބުނެފައިވަނީ ބެލޫނަކީ މޫސުން ބެލުންފަދަ މަދަނީ ބޭނުންތަކަށް ދޫކޮށްފައިވާ އެއަރޝިޕެއް ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނަނީ އެއީ އަސްކަރީ އާލާތެއް ކަމުގައެވެ. އަދި އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެފައިވާކަން ގަބޫލު ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ބެލޫންގެ އެއްވެސް ބައެއްގައި ނުރައްކާތެރި ގޮވާ ތަކެތި އެކުލެވިފައިވޭތޯ ބެލުމަށް އެމެރިކާ ސިފައިން ޚާއްސަ ސަމާލު ކަމެއް ދެމުން ދާކަމަށް ޚަބަރުތައް ބުނެއެވެ.
ޗައިނާގެ ސްޕައި ބެލޫން އެމެރިކާ މުހިންމު ސްޓޭއެއް ކަމަށްވާ މޮންޓާނާ މަތިން ފެނުމާއެކު އެ ދެ ގައުމުގެ ގުޅުންތަކަށް ވަނީ ކިލަނބުކަން އައިސްފައެވެ. އަދި ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިކަން ޗައިނާއަށް ކުރައްވަން އޮތް ދަތުރު ފުޅެއްވެސް ވަނީ ފަސްކުރައްވާފައެވެ.
އެޓްލާންޓިކް ކަޑަށް ސްޕައި ބެލޫން ވައްޓާލި ފަހުން އޭގެ ދެވަނަ އެއްޗެއްވެސް ލެޓިން އެމެރިކާ މަތިންވެސް ފެނިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.