ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަ ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަކުރުމަށް މާލޭސިޓީ ކައުންސިލްގެ މުނިސިޕަލް ސާވިސަސް ކޮމިޓީން ނިންމައިފިއެވެ.
އަގުތަކަށް އައިބަދަލާއި އެކު އަގު ލިސްޓެއް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ގެޒެޓްކޮށްފައެވެ.
ފީ ތަކަށް ގެނެވުނު ބަދަލާއިއެކު ގެޒެޓް ކުރެވިފައިވާ އިއުލާނާއި އެއްގޮތަށް މާލެއާއި ވިލިމާލެ ފަޅުން އުޅަނދު ފަހަރަށް ފައްތިޔާ، ފަޅުހުއްދަ އަދި މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑު ތަކުގެ އަގު ލިސްޓަށް މިއަދުން ފެށިގެން އަމަލުކުރަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ބައެއް ޚިދުމަތްތަކުގެ އަގު ހެޔޮކޮށްފައި މިވަނީ ސިޓީ ކައުންސިލުން އެކުލަވާފައިވާ ދެ އުސޫލެއް ބާތިލުކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ކޯޓަށް ބަލައިގެންފައި ވަނިކޮށެވެ.
ސްޓެލްކޯ އިން ކޯޓަށް ހުށަހެޅީ މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލު ބާތިލުކުރުމަށެވެ.