ދުނިޔެ

ޗައިނާގެ އަސްކަރީ މަތިންދާ ބޯޓްތަކެއް އަނެއްކާ ވެސް ޓައިވާންގެ ވައިގެ ސަރަހައްދަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާނުގެ ވައިގެ ސަރަޙައްދުގެ ތެރެއަށް ވަދެފައިވާ ކަމަށް ތައިވާނުން ބުނެފިއެވެ. ތައިވާނުގެ ދިފާޢީ ވުޒާރާއިން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތައިވާނުގެ ވައިގެ ދިފާޢީ ސަރަޙައްދުގެ ތެރެއަށް ޗައިނާގެ 19 އަސްކަރީ މަތިންދާބޯޓު ވަދެފައިވާ ކަމުގައެވެ. އަދި، މިއީ ފުރައްސާކުރުމުގެ ގޮތުން ހިންގަމުންދާ އަމަލެއް ކަމުގައި ވެސް އެ ވުޒާރާއިން ވަނީ ސިފަކޮށްފައެވެ.

Ads by Sosun Fihaara

ތައިވާނަކީ ޗައިނާގެ ބަޔެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ. ނަމަވެސް، ތައިވާނުން މަސައްކަތް ކުރަމުންދަނީ ޗައިނާގެ ކިބައިން މިނިވަންކަން ހޯދާށެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ޗައިނާއިން ވަނީ ތައިވާނު ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި އަސްކަރީ ހަރަކާތްތައް އިތުރުކޮށްފައެވެ. މިއީ، ތައިވާން ހިފުމަށް ތައްޔާރުވުމުގެ ގޮތުން ހިންގަމުންދާ ތަމްރީނުތަކެއްގެ ގޮތުގައި އެ ޤައުމުން ޤަބޫލުކުރެއެވެ.

ޗައިނާއިން ބުނީ، އެ ޤައުމުގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތަކުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދަނީ، އެ ޤައުމުގެ ދިފާޢުގައި ކަމަށެވެ. އަދި، މިއީ ތައިވާނާ އެކު އަސްކަރީ ގުޅުން ބަދަހިކުރުން ހުއްޓައިލުމަށް އެމެރިކާއަށް އިންޒާރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކެއް ކަމުގައި ޗައިނާއިން ބުނެއެވެ.
ތައިވާނުން ބުނީ ޗައިނާގެ "ޖޭ-10" މަރުކާގެ 19 އަސްކަރީ މަތިންދާބޯޓު އެ ޤައުމުގެ ހުޅަނގުދެކުނުގައިވާ ވައިގެ ދިފާޢީ ސަރަޙައްދުގެ ތެރެއަށް ވަދެފައިވާ ކަމުގައެވެ. އަދި، އެ އުޅަނދުފަހަރުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާ ކަމުގައި ވެސް ތައިވާނުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.

ނަމަވެސް، ޗައިނާގެ އުޅަނދުތައް ތައިވާން ކަނޑުގައިވާ "މީޑިޔަން ލައިން،" ނުވަތަ ސަރަޙައްދީ ރޮނގު ހުރަސްކޮށްފައި ނުވާ ކަމަށާއި، އެއްވެސް ފަރާތަކުން ހަމަލާ ބަދަލުކޮށްފައި ނުވާ ކަމަށް ވެސް ތައިވާނުގެ އަސްކަރިއްޔާއިން ބުންޏެވެ. ޗައިނާގެ އަސްކަރީ އުޅަނދުފަހަރު ތައިވާނުގެ ސަރަޙައްދަށް ފޮނުވާފައި މި ވަނީ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކެއް ދާދިފަހުން އެ ޤައުމަށް ކުރި ދަތުރުފުޅަކާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުން ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

އެމެރިކާގެ ކޮންގްރެސްގެ މެންބަރުގެ ދަތުރުފުޅާ ގުޅިގެން ތައިވާނުގެ ރައީސް ސައި އިންގް-ވެން ވިދާޅުވެފައި ވަނީ ޗައިނާއިން ބާރާއި ނުފޫޒު ފަތުރަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ތައިވާނުން އެމެރިކާއާ އެކު އަސްކަރީ އަދި ދިފާޢީ ދާއިރާއިން ގުޅުންތައް ބަދަހިކުރަން ނިންމާފައިވާ ކަމުގައެވެ. ކޮންގްރެސްގެ މެންބަރުންތަކެއް ތައިވާނަށް ދަތުރުފުޅެއް ކުރައްވާފައި ވަނީ، އެމެރިކާގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލުންތަކެއް ވެސް ސިއްރިޔާތުގައި ތައިވާނަށް ދަތުރުފުޅެއް ކުރައްވާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ތައިވާނުގެ މިނިވަންކަމާ ގުޅޭ ދެބަސްވުންތަކުގައި ޗައިނާއާއި އެމެރިކާއިން ދަނީ އަރައިރުންވަމުންނެވެ. ތައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި އެ ޤައުމުން ދެކުނު ނަމަވެސް، އެމެރިކާއާއި ހުޅަނގުގެ ގިނަ ޤައުމުތަކުން ދެކޭ ގޮތުގައި ތައިވާނަކީ މިނިވަން ދަޢުލަތެކެވެ. އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކުރީގެ ރައީސާ ނެންސީ ޕެލޯސީ ހުސްވި 2022 ވަނަ އަހަރުގެ ފަހުކޮޅު ތައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުންތައް ނުތަނަވަސްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!