ވިލިމާލެ މާރުކޭޓު ގޮޅިތަކުން ހަތަރު މަސް ވަންދެން ކުލި ނުނަގަން ނިންމައިފި
ވިލިމާލޭ ލޯކަލް މާރުކޭޓް ގޮޅިތަކުގެ ކުލި ހަތަރު މަސް ވަންދެން ނުނަގާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު، މީޑިއާތަކަށް މިއަދު ވިދާޅުވީ ވިލިމާލޭ ލޯކަލް މާރުކޭޓު ގޮޅިތަކުގެ ކުލި މި މަސް ހިމެނޭހެން ހަތަރު މަސްވަންދެން ނުނެގުމަށް އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ޖަލްސާގައި ނިންމާފައިވާ ކަމަށާއި، މި ނިންމުމާއެކީ ލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ކުލި 30 އިންސައްތަ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވިި ގޮތުގައި ވިލިމާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ ފީ ހަތަރު މަހުގެ ނިޔަލަށް ނުނަގަން ނިންމީ އެ މާރުކޭޓަކީ އަލަށް ހުޅުވާ ތަނަކަށް ވާތީ ކަމަށެވެ.
"އަދި އެސްޓެބްލިޝް ވާން ވެސް ބޮޑު ޚަރަދުތަކެއް ހިނގާނެ. އެހެންވީމަ އިންސެންޓިވް އެއްގެ ގޮތުން މި ހަތަރު މަހުގެ ކުލި ނުނަގާ ގޮތަށް ނިންމީ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ފީ 30 އިންސައްތަ ކުޑަ ކުރަން ނިންމީ ހުރިހާ ޚަރަދުތަކެއް ބޮޑުވެ، އާއްމުންގެ އަތްމަތި ދަތި ދަނޑިވަޅަކަށް ވުމުގެ އިތުރުން ރަމަޟާން މަހަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން އެ މާރުކޭޓުގެ ގޮޅިތަށް ހަދާފައިހުރި ގޮތުން، ވަށައިގެން އެތާނގައި ޖަހާފައިހުރި ދާގަނޑުތަކުގެ ބާގަނޑު ތެރެއިން މީދާ ފަދަ އެއްޗިއްސަށް ވަދެވޭނެ ކަމަށް މީހުން ބުނެ ކުރާ ޝަކުވާތަކާ ގުޅިގެން މޭޔަރު ވިދާޅުވީ ދިރޭ އެއްޗިއްސަށް ނުވަދެވޭ ގޮތް ހެދުމަށް ދާ ޖެހުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.