ކުޅިވަރު

ނަޞްރުގެ 89ވަނަ މެރެތަން މާދަމާ އަނަޓޯލިއާގައި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ކާމިޔާބު އެތުލީޓް އަދި ކޯޗު ،ނަޞްރުﷲ އަޙުމަދުގެ 89ވަނަ ފުލް މެރެތަންގައި އޭނާ މާދަމާ ވާދަކުރާނެއެވެ.

Ads by STELCO

މި އަހަރުގެ ތެރޭގައި 99 މެރެތަން ހަމަކުުރުމުގެ އަމާޒުގައި މަސައްކަތް ކުރަމުން އަންނަ ނަޞްރުގެ 89ވަނަ މެރެތަންއަކީ ތުރުކިޔޭގެ އަނަޓޯލިއާގައި މާދަމާ އޮންނަ ރަނަޓޯލިއާ2023 މެރެތަންއެވެ. މިއީ މި މެރެތަންގައި ނަޞްރު ވާދަކުރާ 4ވަނަ އަހަރެވެ. މީގެ ކުރީން އޭނާ ވަނީ އިސްތަންބޫލް މެރެތެންގައި ވެސް ދެ އަހަރު ވާދަކޮށްފައެވެ.

ރާއްޖޭގެ ގިނަ އެލީޓް އެތުލީޓުން ވެސް ތަމްރީންކޮށްފައިވާ ނަޞްރު "ދެން"އަށް ބުނީ މާދަމާގެ މެރެތަން އޭނާ ޚާއްޞަކޮށްލަނީ އޭނާގެ އެތުލީޓެއްގެ އުފަންދުވަހުގެ ހަދިޔާއަކަށް ކަމަށެވެ.

"ކޯޗެއްގެ ފަރާތުން އެތުލީޓަކަށް ދެވޭނެ ރަނގަޅު ހަދިޔާއެއްގެ ގޮތުގައި މާދަމާގެ މެރެތަން މި ދުވަނީ" ނަޞްރު ބުންޏެވެ.

ނަޞްރު ވަނީ މި ދިޔަ ހަފްތާގައި ނިއުދިއްލީގައި އޮތް ދިއްލީމެރެތަންގައި ވެސް ވާދަކޮށްފައެވެ. އަދި މިދިޔަ މަހު 12ވަނަ ދުވަހު އޭނާ ވަނީ ދުބާއީ މެރެތަންގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދައިފައެވެ. މިއީ މަހެއްހައި ދުވަހުގެ ތެރޭގައި އޭނާ ވާދަކުރާ ތިންވަނަ މެރެތަންއެވެ.

ރާއްޖޭގެ އެންމެ ގިނަ މެރެތަން ދުވި ނަޞްރުގެ 100ވަނަ މެރެތަން ޚާއްޞަކުރުމުގެ މަސައްކަތް ވެސް އޭނާ ގެންދަނީ ކުރަމުންނެވެ. އެގޮތުން ނަޞްރުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ މެރެތަންގައި ރާއްޖޭގެ ބޮޑު ޓީމެއް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަޞްރު ބުނީ އެ މެރެތަންގެ ތަފްޞީލް ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށާއި 100ވަނަ މެރެތަން ކުލަގަދަކުރުމަށް އޭނާގެ އެތުލީޓުންނާއި އެތުލީޓުންގެ ކޮމިޔުނިޓީ ބޭނުންވާ ކަމަށާއި އެކަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!