ދުނިޔެ

އެމެރިކާއިން ޗައިނާގެ ކުންފުނިތަކެއް އަނެއްކާވެސް ބްލެކް ލިސްޓްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ވިޔަފާރީގެ ބްލެކްލިސްޓުގައި ރަޝިއާގެ އަސްކަރިއްޔާއަށް އެހީތެރިވުމާއި، ޗައިނާގެ އަސްކަރިއްޔާއަށް އެހީތެރިވުމާއި، މިޔަންމާ އާއި ޗައިނާގައި އިންސާނީ ހައްގުތަކަށް އަރައިގަތުމަށް މަގުފަހިކޮށްދިނުން ނުވަތަ އެކަމުގައި ބައިވެރިވުން ފަދަ ކަންކަމަށް އެހީތެރިވެދޭ 37 ކުންފުންޏެއް އެމެރިކާއިން ބްލެކް ލިސްޓްކޮށްފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ކޮމާސް ޑިޕާޓްމެންޓްގެ އެސިސްޓެންޓް ސެކްރެޓަރީ ތިއާ ކެންޑްލަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމެރިކާގެ ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތުގެ ކަންބޮޑުވުމެއް އޮތް 37 ފަރާތެއް ދެނެގަނެވިފައިވާ ކަމަށާއި، އެ ފަރާތްތަކުގެ މުއާމަލާތްތައް ބެލުމަށްޓަކައި އެންޓިޓީ ލިސްޓަށް އެ ތަންތަން އިތުރުކުރާ ކަމަށެވެ.

ބްލެކްލިސްޓް ކުރި ކުންފުނިތަކުގެ ތެރޭގައި، އެ ގައުމުގެ އެންމެ ބޮޑު ޖީނޯމިކްސް ރިސާޗް ކުންފުނި ކަމަށްވާ ބީޖީއައި ގްރޫޕްގައި ހިމެނޭ ބީޖީއައި ރިސާޗް އަދި ބީޖީއައި ޓެކް ސޮލިއުޝަންސް ހިމެނެއެވެ. އެމެރިކާގެ ޖެނެޓިކް ޑޭޓާ ހޯދުމަށް ޗައިނާއިން ބީޖީއައި ފަދަ ޖަމާއަތްތައް ބޭނުންކޮށްފާނެތީ އެމެރިކާ އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއީ ޕީޕަލްސް ލިބަރޭޝަން އާމީގެ ހަލުވި އަސްކަރީ ޒަމާނީ ތަރައްގީގައި އެހީތެރިވެދޭނެ ޓެކްނޮލޮޖީ ފޯރުކޮށްދީ ނުވަތަ ފޯރުކޮށްދޭން މަސައްކަތްކޮށްގެން އެކްސްޕޯޓް ކޮންޓްރޯލް އުސޫލާ ހިލާފުވި ކަމަށް ތުހުމަތު ކުރެވޭ ޗައިނާގެ ޖަމާއަތްތަކަށް އަދަބު ދިނުމަށް ބައިޑަންގެ ސަރުކާރުން އެންމެ ފަހުން އެޅި ފިޔަވަޅެކެވެ.

މީގެ އިތުރުން، މި ބްލެކްލިސްޓް ކުރުމުގެ ބޭނުމަކީ ޕާކިސްތާނަށް ނިއުކްލިއާ އަދި މިސައިލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމާއި މިޔަންމާ އާއި ޗައިނާގެ އެހެން ޖަމާއަތްތަކަށް އަނިޔާވެރިކަމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މަގު ފަހިކޮށްދޭ ސަވައިލަންސް ޓެކްނޮލޮޖީ ފޯރުކޮށްދިނުން ފަދަ އެހެނިހެން ކަންކަމަށް ރައްދު ދިނުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!