ދުނިޔޭގެ މައި ކަނޑުތައް ހިމާޔަތް ކުރަން އދ މެންބަރުން އެއްބަސްވެއްޖެ
ދުނިޔޭގެ މައި ކަނޑުތައް ހިމާޔަތްކުރުމާ ގުޅޭ މުހިންމު މުޢާހަދާއަކަށް އ.ދ.ގެ މެންބަރު ޤައުމުތަކުން އެއްބަސްވެއްޖެއެވެ. މިއީ، އެތަކެއް އަހަރެއްގެ ދިގު އިންތިޒާރަކަށް ފަހު، ހުރިހާ ޤައުމެއްގެ ތާޢީދާއެކު، ދުނިޔޭގެ މައި ކަނޑުތައް ހިމާޔަތްކުރުމާ ބެހޭ މުޢާހަދާއެއް އެކުލަވައިލި ފުރަތަމަ ފަހަރެވެ. މި ކަމާ ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށް ގޮސްފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައެވެ.
ދުނިޔޭގެ މައި ކަނޑުތަކާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާ ގުޅޭ ގޮތުން މުޢާހަދާއެއް އެކުލަވައިލުމަށް އ.ދ.ގެ މެންބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާ ފަށާފައި ވަނީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. މި ކަމާ ގުޅޭ ގޮތުން އ.ދ.ގެ މެންބަރު ޤައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް، އެއްބަސްވުމުގައި ހިމެނޭ މާއްދާތަކުގެ ތަފުސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މުޢާހަދާއަކީ، 2030 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ ބިމާއި ކަނޑުތަކުގެ 30 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ލިބުނު އިތުރު ބާރެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރަމުންދާ ގިނަ ޖަމުޢިއްޔާއާއި ޖަމާޢަތްތަކުން ވަނީ އ.ދ.ގެ މުޢާހަދާއަށް މަރުޙަބާ ކިޔާފައެވެ. މީގެ ތެރޭގައި ގްރީންޕީސް ވެސް ހިމެނެއެވެ.
މި މުޢާހަދާ ރަސްމީކޮށް ފާސްކުރާނެ ތާރީޚެއް އ.ދ.އިން އަދި ހާމަކޮށްފައެއް ނުވެއެވެ. އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ، މުޢާހަދާ އެކުލަވައިލުމަށް އ.ދ.ގެ 100 އެއްހާ މެންބަރު ޤައުމުގެ މަންދޫބުން ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެ ކަމަށް މަރުޙަބާ ވިދާޅުވެފައެވެ. މުޢާހަދާގެ ދެލިކޮޕީއަށް އިތުރު އުނިއިތުރެއް ގެނައުމުގެ ފުރުޞަތު ދެން ނޯންނާނެ ކަމުގައި، މި ކަމާ ގުޅޭ މަޝްވަރާތައް ވިލަރެސްކުރެއްވި އ.ދ.ގެ ކޮންފަރެންސްގެ ޗެއަރ ރީނާ ލީ ވިދާޅުވިއެވެ.
ދުނިޔޭގެ މައި ކަނޑުތަކުގެ ގޮތުގައި ބެލެވެނީ އެއްވެސް ޤައުމެއްގެ އިޤުތިޞާދީ ކަނޑުގެ ސަރަޙައްދުގައި ނުހިމެނޭ ކަނޑުގެ ސަރަޙައްދުތަކެވެ. ދުނިޔޭގެ ކަނޑުތަކުގެ 60 އިންސައްތަ ހިއްސާ ކުރަނީ މައި ކަނޑުތަކެވެ. އަދި، އެއީ ދުނިޔޭގެ ސަތަހައިގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ ވަރުގެ ބޮޑު ސަރަޙައްދެކެވެ. ނަމަވެސް، އެ ސަރަޙައްދުތަކުގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މިހާތަނަށް ދެވިފައިވާ އަހަންމިއްޔަތުކަން ވަރަށް ކުޑައެވެ.
އިންސާނުން ނޭވާލާން ބޭނުންކުރާ އޮކްސިޖަންގެ ދެބައިކުޅަ އެއްބައި އުފައްދަނީ ކަނޑުންނެވެ. އަދި، ކަނޑުތަކަކީ، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ތެރެއިން ކާބަންޑައިއޮކްސައިޑްގެ މިންވަރު މަދުކުރުމުގައި އިސް ދައުރެއް އަދާކުރާ ތަނެކެވެ. ނަމަވެސް، ފާހަގަކޮށްލަން ޖެހޭ ނުކުތާއަކީ، ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ގޮތުގައި މިހާތަނަށް ކަނޑައަޅާފައި ވަނީ މައި ކަނޑުތަކުގެ އެންމެ އެކެއް އިންސައްތައެވެ.
މައި ކަނޑުތައް ހިމާޔަތްކުރަން ގޮވައިލާ މުޢާހަދާގެ ދަށުން، މައި ކަނޑުތަކުގައި މެރިން ޕްރޮޓެކްޓެޑް އޭރިޔާ ނުވަތަ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަނޑައެޅޭނެއެވެ. މީގެ އިތުރުން، މައި ކަނޑުތަކުގައި މަޝްރޫޢުތައް ހިންގުމުގެ ކުރިން އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް ހެދުމަށް ޤައުމުތަކަށް މަޖުބޫރު ކުރެވޭނެއެވެ. މިއީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރިކަން ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކަމާގުޅޭ މާހިރުން ވިދާޅުވެއެވެ.
މި މުޢާހަދާ ތަޞްދީޤުކޮށް، ތަންފީޒުކުރުމަށް އެހީތެރިވުމަށް ހިނގާ ޚަދަރުތައް ބެލެހެއްޓުމަށް ވިލާތުގެ އިއްތިހާދު (އީ.ޔޫ)އިން ވަނީ 42 މިލިޔަން ޑޮލަރު އެހީގެ ގޮތުގައި ހުށަހަޅާފައެވެ. އީ.ޔޫ.އިން މީގެ ކުރިން ވަނީ، މި އަހަރުގެ ތެރޭގައި ކަނޑާ ގުޅޭ ދިރާސާތައް ވިލަރެސްކޮށް، މައި ކަނޑުތައް ހިމާޔަތްކުރުމުގެ މަސައްކަތަށް ޚަރަދު ކުރުމަށް 860 މިލިޔަން ޑޮލަރު ހުށަހަޅާފައެވެ.