ދުނިޔެ

އިމްރާން ޚާން ހައްޔަރުކުރަން އުޅުމުން ހުރަސްއަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރުމުން، އޭނާއަށް ތާޢީދުކުރާ މީހުން ފުލުހުންނަށް ހުރަސްއަޅައި، އެ ކަން ހުއްޓުވައިފިއެވެ. އޭނާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

Ads by Sosun Fihaara

އިމްރާން ޚާން ހައްޔަރުކުރަން ފުލުހުން މަސައްކަތް ކޮށްފައި ވަނީ، ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އޭނާގެ ގެކޮޅުގައި ހުންނެވި ވަގުތެއްގައެވެ. ނަމަވެސް، އޭނާގެ ގެކޮޅު ކައިރިއަށް އެއްވެ ތިބި އޭނާގެ ސަޕޯޓަރުން ވަނީ ފުލުހުންނަށް ހުރަސްއަޅާފައެވެ.

އިމްރާން ޚާން ހައްޔަރުކުރުމަށް ކޯޓުން އަމުރު ނެރެފައި ވަނީ، އޭނާއާ ދެކޮޅަށް އުފުލާފައިވާ ދަޢުވާއެއްގެ އަޑުއެހުމަށް ކޯޓަށް ހާޒިރު ނުވުމުންނެވެ. ފެބްރުވަރީ 28 ވަނަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ބަލާފައި ވަނީ އިމްރާން ޚާންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދަޢުވާއަކާ ގުޅޭ މައްސަލައެކެވެ. އޭނާގެ ކުށަކީ، ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި އިރު ހަދިޔާގެ ގޮތުގައި ލިބިފައިވާ ބައެއް ތަކެތި ވިއްކައިގެން ނަފާ ހޯއްދެވުމެވެ.

ހައްޔަރުކުރުމުގެ އަމުރެއް ނެރެފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދޮގު ތުހުމަތުތަކެއްގައި ކަމަށް ޚާން ވިދާޅުވިއެވެ. އަދި، މިއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ވިދާޅުވެ، އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ތެދުވެ، މި ފަދަ އަމަލުތައް ހުއްޓުވަން އޭނާއަށް ތާޢީދުކުރާ މީހުންނަށް ގޮވައިލައްވާފައެވެ.

ޚާންގެ ޕާކިސްތާން ތަހްރީކުއް އިންސާފު ޕާޓީގެ ޗެއަރމަން ޝާހް މަޙްމޫދު ޤުރައިޝީ ވިދާޅުވީ، ކޯޓުން ނެރެފައިވާ އަމުރުގައި ޚާން ހައްޔަރު ކުރުމަށް ހުއްދަދީފައި ނުވާ ކަމުގައެވެ. އަދި، މި ކަމާ ގުޅޭ ގޮތުން ޚާންގެ ވަކީލުންނާ މަޝްވަރާ ކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ހުސްވި 2022 ވަނަ އަހަރު ޚާންގެ ޕާޓީން ބޭއްވި ހިނގާލުމެއްގައި ހުންނަވަނިކޮށް، ހަތިޔާރުއެޅި ބަޔަކު ވަނީ ޚާންއަށް ހަމަލާދީފައެވެ. އެ ހާދިސާގައި އޭނާގެ ފަޔަށް ވަޒަނެއް އަރައި، ޚާން ވަނީ ޒަޚަމުވެފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމުން ޚާން ދުރުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހު އޭނާއާ ދެކޮޅަށް ނެގި އިތުބާރުނެތް ކަމުގެ ވޯޓަކުންނެވެ.

އެ ކަމާ ގުޅިގެން އޭނާ ގެންދަވަނީ އިންތިޚާބު އަވަސްކުރުމަށް ސަރުކާރަށް ބާރުއަޅުއްވަމުންނެވެ. އަދި، އޭނާގެ ޕާޓީން ކޮންޓްރޯލްކުރާ ދެ ޕުރޮވިންޝަލް އެސެމްބްލީ ވެސް ވަނީ އުވައިލާފައެވެ. ނަމަވެސް، މި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު އަވަސްކުރުމާ ގުޅޭގޮތުން ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ސަރުކާރުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!