ދުނިޔެ

ޗައިނާ ހިފަހައްޓައިގެން އެމެރިކާއަށް ކުރިއަކަށް ނޭރޭނެ: ޗައިނާ ފޮރިން މިނިސްޓަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާ އާއި އެމެރިކާގެ ގުޅުން އޮތީ ނުބައި ފައްތަރެއްގައި ކަމަށާއި ޗައިނާ ހިފަހައްޓައިގެން އެމެރިކާއަށް ކުރިއަށް ނޭރޭނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

"ދަތިކޮށް ހިފަހައްޓަން މަސައްކަތް ކޮށްގެން ޗައިނާ ނުހުއްޓުވޭނެ. އެއީ ޗައިނާ އާރޯވެ ކުރިއެރުން ހުއްޓުވޭނެ ގޮތެއް ނޫން،" ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ބޭއްވި ފުރަތަމަ ޕްރެސް ކޮންފެރެންސްގައި ޗިން ގާންގް ވިދާޅުވި އެވެ.

ޗިން މީގެ ކުރިން ވަނީ ޗައިނާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމު ފުރުއްވައިފަ އެވެ.

"އެމެރިކާއިން ދެކޭ ގޮތުގައި ޗައިނާއަކީ އެ މީހުންގެ އެންމެ ބޮޑު ވާދަވެރިޔާ އަދި ދުނިޔެއަށް އޮތް އެންމެ ބޮޑު ގޮންޖެހުން. މިއީ ގަމީހުގެ ފުރަތަމަ ގޮށް ނުބައިކޮށް އެޅުވުން ފަދަ ކަމެއް."

އެމެރިކާއިން ބޭނުންވަނީ ޗައިނާއާ ދެކޮޅު އަމަލުތައް ހިންގާ އިރު ވެސް އެއްޗެއް ނުބުނެ ރައްދުގައި ކަމެއް ނުކޮށް ތިބެން ކަމަށް ޗިން ތުހުމަތު ކުރެއްވި އެވެ.

އޭގެ އިތުރުން އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ޗައިނާގެ ބޮޑު ފުއްޕާހަމުގެ މައްސަލައިގައި ބޮޑު ޑިޕްލޮމެޓިކް ކާރިސާއެއް އުފެދުނީ އެމެރިކާއިން އަމަލުކުރި ގޮތުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި އެއީ ޖާސޫސް ކުރަމުން ދިޔަ ފުއްޕާހަމެކެވެ. ނަމަވެސް ޗައިނާއިން ބުނީ އެއީ މޫސުން މޮނީޓާ ކުރުމަށް ބޭނުންކުރާ އެއްޗެއް ކަމަށެވެ.

އެ ފުއްޕާހަން އެމެރިކާގެ ސަރަހައްދުން ފެނުމަކީ "އެމެރިކާގެ އިސްތިގްލާލާ" ދެކޮޅު ކަމެއްގެ ގޮތުގައި އެމެރިކާއިން ސިފަކުރެ އެވެ. ނަމަވެސް ޗައިނާއިން ބުނީ އެއީ މޫސުން ގޯސްވެ، މަގު ގެއްލިގެން އެ ހިސާބަށް ފޯރި އެއްޗެއް ކަމަށެވެ.

ޔޫކްރެއިން ހަނގުރާމައަށް އިޝާރާތްކޮށް ޗިން ވިދާޅުވީ އެކަމުގައި ހިމެނެނީ "ލޮލަށް ނުފެންނަ އަތެއް" ކަމަށާއި ޗައިނާއިން އެއްވެސް ފަޅިއަކަށް ހަތިޔާރު ފޯރުކޮށްދީފައި ނުވާނެ ކަމަށެވެ.

"އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކަމުންދާ އިރު، ޗައިނާއިން ރަޝިއާއަށް ހަތިޔާރު ދީގެން ނުވާނެ ކަމަށް އެމެރިކާއިން ޑިމާންޑު ކުރަންވީ ކީއްވެ؟" އޭނާ ވިދާޅުވި އެވެ.

އުމުރުން 56 އަހަރުގެ ޗިން ޗައިނާގެ ފޮރިން މިނިސްޓަރު ކަމަށް ކަނޑައެޅީ ޑިސެމްބަރު 2022 ގަ އެވެ. ޗިންއަކީ ރައީސް ޝީ ޖިންޕިންގެ ގާތް ބޭފުޅެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!