ދުނިޔެ

އެމެރިކާގެ މިސްރާބު ރަނގަޅުނުކޮށް ހައްލެއް ނުހޯދޭނެ:ޗައިނާަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ކޯޅުންތައް، އެމެރިކާގެ މިސްރާބު ބަދަލު ނުކުރާހާ ހިނދަކު ނިމުމަކަށް ނާންނާނެ ކަމަށް ޗައިނާ އިން އިއްޔެ ބުނެފި އެވެ.

Ads by Sosun Fihaara

އެމެރިކާގައި ހުންނަވާ ޗައިނާ ސަފީރުގެ މަގާމު ވަރަށް ފަހަކާ ޖެހެންދެން ފުރުއްވި އަދި މިހާރުގެ ޚާރިޖީ ވަޒީރު ޗިން ގާންގް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޮޑު ބާރަކާ މެދު އެމެރިކާ އިން މުއާމަލާތު ކުރަނީ ވަރަށް ފަރުވާ ކުޑަ ގޮތަކަށެވެ. އެކަމުގެ ސަބަބުން "ކާރިސީ ނަތީޖާތަކެއް" ކުރިމަތިވެދާނެ ކަމަށް ވެސް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

"އެމެރިކާ އިން ބުރެކި ނުޖައްސައި، މިހާރު ވެސް އެ ދަތުރުކުރާ ނުބައި މިސްރާބުގައި ކުރިއަށް ދާ ނަމަ، އަދި އެ މިސްރާބު ސީދާ ކޮށްދޭނެ އިތުރު ބާރެއް ނެތިއްޔާ، ކަށަވަރުން ވެސް އެނގޭ ކަމަކީ ކުރިމަތިލުންތަކާއި މައްސަލަތައް އުފެދޭނެ ކަން،" މިހާރު ކުރިއަށް ދާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއާ އެކުގައި ރަނގަޅު ގުޅުމެއް އުފައްދަން ޗައިނާ އިން މަސައްކަތް ކުރި ނަމަވެސް، އެމެރިކާގެ އަމަލުތަކާއި ސިޔާސަތުތައް ހުރި ގޮތުން އެކަމުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ. އެހެން ނަމަވެސް ރަޝިޔާ އާއި ޗައިނާއާ ދެމެދު ވަރަށް ބަދަހި ގުޅުމެއް އުފެދިފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އިގްތިސާދީ ގޮތުން އެންމެ ބޮޑު ދެ ބާރުގެ ގޮތުގައި ބެލެވޭ އެމެރިކާ އާއި ޗައިނާއާ ދެމެދު ކުރިން އޮތް، މިއިން ޒަމާނެއްގައި ވެސް ގޯސް ނުވާ މިންވަރަށް މިހާރު ވަނީ ގޯސްވެފަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ކުރީ ކޮޅު، އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއަށް، ޗައިނާގެ ޖާސޫސީ ބިޔަ ފުއްޕާހަމެއް ވަދެއުޅުނިކޮށް، އެމެރިކާ އިން ހަމަލާދީ އެ ހަން ގޮއްވައިލި މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އެ މައްސަލައާ ބެހޭ ގޮތުން ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އެމެރިކާ އިން މާ ބޮޑަށް މައްސަލަ ބޮޑު ކޮށްލީ އެވެ. އަދި އެމެރިކާ އިން އެ ވަރަށް މައްސަލަ ބޮޑުކޮށްނުލި ނަމަ، މިހާރު ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޑިޕްލޮމެޓިކް ދުރުކަން ނުއުފެދުނީސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!